Last Updated: June 15, 20:30
Monday, June 15, 2026
ޚަބަރު

ކުރިއަށް ހުރި ހުރިހާ އިންތިހާބެއް ޕީއެންސީން ކާމިޔާބުކުރާނެ

އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް - ފޮޓޯ: ޕީއެންސީ

ކުރިއަށް އޮތް ހުރިހާ އިންތިހާބެއް ޕީއެންސީން ކާމިޔާބުކުރާނެ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ދ. މީދޫ ކައުންސިލް ރައީސްގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމް ކާމިޔާބު ކުރެއްވުމާއި ގުޅިގެން އެ ރަށުގައި ބާއްވާ ޖަލްސާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ވަޑައިގެން "އެމްއެމްޓީވީ"އަށް ދެއްވި އިންޓަވިއުއެއްގައި ސަލީމް ވިދާޅުވީ އޭޕްރީލު މަހުގައި ބޭއްވި ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމީޓިތަކުގެ އިންތިހާބުގައި ޕީއެންސީން އެންމެ އެދޭ ނަތީޖާ ނުނެރެވުނީ ހުރިހާ ދާއިރާއަކަށް ކެމްޕެއިންކުރަމުންދިޔައިރު، ގާނޫނުއަސާސީއަށް ގެނައި އިސްލާހަކާމެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަށް ކެމްޕެއިން ކުރަންޖެހުމުން ކަމަށެވެ.

އެހެންނޫންނަމަ ކައުންސިލްތަކުގެ 80 ޕަސެންޓް މެޖޯރިޓީ ޕީއެންސީން ނަގާނެ ކަމަށާއި މިހާރު ރާއްޖޭގެ ކޮންމެ ދިމާލެއްގައި ބައި އިލެކްޝަނެއް ބޭއްވިޔަސް މި ސަރުކާރުން ކާމިޔާބުކުރާނެ ކަމަށްވެސް ސަލީމް ވިދާޅުވި އެވެ.

"ތާއީދު އެބައޮތް ރައީސުލްޖުމްހޫރިއްޔާއަށް. ކުރިއަށް އޮތް ހުރިހާ އިންތިހާބެއް އިރާދަކުރެވިއްޔާ، ބައި އިލެކްޝަންތައް ކާމިޔާބުކުރާނަން. އަދި 2028 މިހާރު މި ފެންނަ މަންޒަރުގައި ވަރަށް ފަސޭހަކަމާއެކު ކާމިޔާބު ކުރެވޭނެ،" ސަލީމް ވިދާޅުވި އެވެ.

މީދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރެއްވީ ސުހާގެ އިތުރުން، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދެވެ. އިއްޔެ ބޭއްވި ބައި އިލެކްޝަން ސުހާ ކާމިޔާބު ކުރެއްވީ 529 ވޯޓުންނެވެ. ޝާހިދަށް ލިބިފައިވަނީ 449 ވޯޓެވެ.

މި ގޮނޑިއާއެކު ދ. މީދޫގެ ކައުންސިލުގެ ފުރިހަމަ އަޣުލަބިއްޔަތު ޕީއެންސީއަށް މިހާރު ވަނީ ލިބިފަ އެވެ. މިއީ ގިނަ ދުވަސްތަކެއްވަންދެން، އެމްޑީއޭއިން ކޮންޓްރޯލްކުރި ރަށެކެވެ.