ހިދުމަތުން ރިޓަޔާވާ ސިފައިންނާއި ފުލުހުން، ސަރުކާރުގެ ވަޒީފާއެއް އަދާކުރަމުން އަންނަ އިރު، ރިޓަޔާމަންޓް އިނާޔަތް ނުދޭން ނިންމި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
އެ މައްސަލަ މަޖިލީހަަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރަގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
އޭނަ ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ، ދައުލަތުގެ އެހެން ވަޒީފާއަކަށް ނުވަތަ ސަރުކާރުގެ ކުންފުންޏެއްގެ ވަޒީފާއަކަށް ދިއުމުން، ދިވެހި ފުލުހުންނާއި ސިފައިންގެ ހިދުމަތުން ރިޓަޔާކޮށްފައިވާ ފަރާތްތަކަށް ދޭ ރިޓަޔާމަންޓް އިނާޔަތް މެދުކަނޑާލުމުގެ ސަބަބުން އެފަރާތްތަކަށް މާލީ އަދި އިޖުތިމާއީ ގެއްލުންތަކެއް ކުރިމަތިވަމުންދާ ކަަމަށް ބުނެފައިވެ އެވެ.
އެހެންވެ އެ ގެއްލުންތަކާ މެދު ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރުމަށްޓަކައި މައްސަލަ ހުށަހެޅީ ކަމަށް ބަޔާންކޮށްފައިވެ އެވެ.
ވަޒީފާ އިން ރިޓަޔާވުމަށް ފަހު، އެހެން މަގާމުތައް އަދާކުރާ ސިފައިންނަށް އެލަވަންސް ނުލިބޭ ގޮތަށް "ސިފައިންގެ ރިޓަޔަމަންޓް ގަވައިދު" އަށް ޑިފެންސް މިނިސްޓްރީން ބަދަލު ގެނައީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ގަ އެވެ.
އެ އިސްލާހުގައިވާ ގޮތުން ރިޓަޔަމަންޓް އިނާޔަތް ލިބޭ ގޮތަށް ވަޒީފާ އިން ވަކިވެފައިވާ މީހަކު އަލުން ދައުލަތުގެ މަގާމަކަށް އިންތިހާބުވެއްޖެ ނަމަ ނުވަތަ ދައުލަތް ނޫނީ ސަރުކާރު ކުންފުންޏެއްގެ ވަޒީފާއެއް އަދާކުރާ ނަމަ، އާ ވަޒީފާގައި ދެމިހުންނަ މުއްދަތުގައި އެ މީހަކަށް އިނާޔަތެއް ނުލިބޭނެ އެވެ. އަދި އެ އިނާޔަތް އަލުން ލިބެން ފަށާނީ އެ ވަޒީފާއިން ވަކިކުރި/ވަކިވި މަސް ނިންމުމަށް ފަހު، ދެން ފެށޭ މަހުގައި ކަމަށް ވެސް އިސްލާހުގައި ވެއެވެ.
ފުލުހުންގެ ރިޓަޔަމަންޓް އެލަވަންސަށް އެ އިސްލާހު ގެނެސްފައި ވަނީ ސަރުކާރުގެ ހަރަދުތައް ބޮޑުވާތީ ފިޔަވަޅުތަކެއް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވުމާ ގުޅިގެން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ގަ އެވެ.