ސަރުކާރުގެ ބޭސް ކުންފުންޏަށް ގިނަ އަދަދެއްގެ ފާމަސިސްޓުން ހޯދަން އިއުލާންކޮށްފި އެވެ.
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނުން ބުނީ 17 ފާމަސިސްޓުންނާއި އެސިސްޓަންޓުން ބޭނުންވާ ކަމަށެވެ. މި ވަޒީފާތަކަށް ޝައުގުވެރިވާ މީހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައ ވަނީ މި މަހުގެ 21 އާ ހަމައަށެވެ.
ފާމަސިސްޓުންގެ މުސާރަ އުޅެނީ މަހަކު 12.000-15،000ރ. އާ ދެމެދު އެވެ. ބޭސް ކުންފުނިން ބުނީ ފާމަސިސްޓުން ހޯދަން އިއުލާންކުރީ މާލެ އަށް ކަމަށެވެ.
ފާމަސިސްޓުން ހޯދަން ސްޓޭޓް ފާމާ އިން އިއުލާންކުރި އިރު، އެ ކުންފުނީގެ ފުރަތަމަ ބޭސް ފިހާރަ ދާދި ފަހުން ވަނީ އައިޖީއެމްއެޗްްގައި ހުޅުވައިފަ އެވެ.
އެ ކުންފުނިން ބުނެފައިވާ ގޮތުގައި މިހާތަނަށް އެސްޓީއޯ އިން ހިންގަމުން އައި ބޭސް ފިހާރަތައް ސްޓޭޓް ފާމާގެ ދަށަށް ބަދަލުކޮށް އަންނަ މަހުގެ 1 ގެ ކުރިން ބަދަލުކޮށް ނިންމައިލެވޭނެ އެވެ.
ރާއްޖޭގެ ހުރިހާ ހިސާބެއްގައި އެސްޓީއޯގެ ފާމަސީތައް ގާއިމުކޮށްފައިވެ އެވެ.