Last Updated: June 15, 20:30
Monday, June 15, 2026
ޚަބަރު

މަޝްރޫއުތައް ތަރުތީބު ކުރެވިއްޖެ، ސްޕީޑު ދެން ބާރުވާނެ

ރައީސް ޑރ. މުހައްމަދު މުއިއްޒު

ސަރުކާރުން ހިންގަން ނިންމާފައިވާ ތަރައްގީގެ މަޝްރޫއުތައް ތަރުތީބު ކުރެވިފައި ކަމަށާއި ކަމަށާއި މަޝްރޫއުތަކުގެ ސްޕީޑު ބާރުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދ. މީދޫ ކައުންސިލް ރައީސްގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމް ކާމިޔާބު ކުރުމާ ގުޅިގެން އެ ރަށުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ހަނގުރާމައާ ގުޅިގެން ކޮންސްޓްރަކްޝަން މަސައްކަތަށް ބޭނުންވާ ތަކެތި ގެނައުމުގައި ދަތިތަކެއް ކުރިމަތިވި ކަމަށާއި ނަމަވެސް މަޑުމަޑުން އެ ހާލަތު ރަނގަޅު ކުރެވެމުންދާއިރު، ދެން ފެންނާނީ އަނެއްކާވެސް މަސައްކަތުގެ ސްޕީޑު ބާރުކުރެވިގެންދާތަން ކަމަށެވެ.

އެގޮތުން މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ހުރިހާ މަޝްރޫއުތަކެއްގެ ތަރުތީބު ކަނޑައަޅައި ނިންމާފައިވާ ކަމަށާއި މިހާރު ސޮއިކުރެވިފައި ހުރި މަޝްރޫއުތަކާއި، މިއަހަރު އަލަށް ސޮއިކުރަން ހުރި މަޝްރޫއުތަކާއި އަދި އަންނަ އަހަރު ވައުދުތައް ފުއްދުމަށް ސޮއިކުރަން ހުރި މަޝްރޫއުތަކާއެކު ޖުމްލަ 2،645 މަޝްރޫއެއް ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި 2،645 މަޝްރޫއު ގެންދާނެ ގޮތް މިހާރު މިވަނީ ޕްލޭންކޮށްފައި. މާނައަކީ މިއަހަރުގެ ކޮން މަހެއްގައި ކޮން މަޝްރޫއުތަކެއް ނިންމަންތޯ އިސްކަންދޭނީ. 2027 ވަނަ އަހަރު ކޮން ބާވަތްތަކެއްގެ މަޝްރޫއުތަކެއްތޯ ނިންމަން އިސްކަންދޭނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ޕްލޭނާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށްގެންދާނީ ދަރަނި ދެއްކުމުގެ ސިޔާސަތުގައި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ވެސް ހާސިލުކުރަމުން ކަމަށެެވެ. އެގޮތުން މިއަހަރުގެ ނިޔަލަށް ބަޖެޓް ޑެފިސިޓް ވަކި ވަރެއްގައި ބަހައްޓަން ބޭނުންވާ ކަމަށާއި މި ސަރުކާރުން ކަންކަން ކުރިއަށްގެންދަނީ ޕްލޭނެއްގެ ތެރެއިން ކަމަށްވެސް ވިދާޅުވި އެވެ.