ޕީއެންސީއަކީ ރައްޔިތުންގެ ތާއީދު އެންމެ ބޮޑަށް ދީފައިވާ ޕާޓީ ކަމަށާއި އެއީ އިސްލާމް ދީނާއި ގައުމު ކުރިއަށް ނެރޭ ފިކުރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދ. މީދޫ ކައުންސިލް ރައީސްގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމް ކާމިޔާބު ކުރުމާ ގުޅިގެން އެ ރަށުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ޕީއެންސީ ވެގެން ގޮސްފައިވަނީ ރައްޔިތުންގެ ތާއީދު އެންމެ ބޮޑަށް ދީފައިވާ ޕާޓީއަށް ކަމަށާއި އެގޮތުން ޕީއެންސީ އުފެއްދިގެން މިއަދާއި ހަމައަށް އައިއިރު ބޭއްވުނު އިންތިހާބުތަކުގެ ތެރެއިން، އެންމެ ގިނަ ކާމިޔާބީތައް ހޯދާފައިވަނީ ޕީއެންސީން ކަމަށެވެ.
ޕީއެންސީގެ ފިކުރަކީ ވަރަށް ވަރުގަދަ ނުގުނޑާފަދަ ފިކުރެއް ކަމަށާއި އެއީ އިސްލާމްދީން މަތިވެރިކޮށް، ގައުމު އިސްކޮށްގެން ގައުމު ކުރިއަށް ނެރޭ ގައުމީ ފިކުރު ކަމަށް ރައީސް ވިދާޅުވި އެވެ. އެ ފިކުރުން އިސްލާމް ދީނަށް ނަސްރު ދިނުމާއި ހަމަޖެހުމާއި ތަރައްގީ އާއި ރައްކާތެރިކަން ގެނެސްދޭނެ ކަމަށްވެސް ވިދާޅުވި އެވެ.
"މި ސަރުކާރު ކުރިއަށްމިދަނީ އަދި ކުރިއަށް އޮތް ތަނުގައި ދާނީވެސް މި ފިކުރުގެ މަތީގައި. މާތްވެގެންވާ އިސްލާމްދީންް މަތިވެރިކޮށް އެ ދީނަށް ނަސްރުދިނުމުގެ ސިޔާސަތު އަމަލީ ގޮތުން ތަންފީޒުކުރުމާއެކު، މިގައުމުގައި ހަމަޖެހުން ގާއިމުކޮށް، ތަރައްގީ ހާސިލުކޮށްދީ، ހުރިހާ ސިފައެއްގައި ހުރިހާ މާނައެއްގައި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ސިޔާސަތު ތަންފީޒުކުރުމުގައި،" ރައީސް ވިދާޅުވި އެވެ.
ފާއިތުވި ދެ އަހަރު މި ސަރުކާރުން ކުރި މަސައްކަަތަކީ، އަދި ޕީއެންސީގެ ފަރާތުން ރައްޔިތުންނަށް ފެނުނުކަމަކީ ވެސް އެ ސިޔާސަތުތައް ތަންފީޒުކުރުން ކަމަށާއި އެގޮތުން ހަމަޖެހުމާއި ތަރައްގީއާއި ރައްކާތެރިކަން ހާސިލުކޮށްދިނުމުގެ އަމާޒަށް ދަތުރުކުރުމުގައި ސަރުކާރުން ބޮޑެތި ކާމިޔާބުތަކެއް ހާސިލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެމްޑީޕީގެ ފިކުރަކީ ފަނާކުރަނިވި ފިކުރެއްކަމަށާއި، ނަމަވެސް މިސަރުކާރުގެ ބިނާކުރަނިވި ފިކުރުގެ ދަށުން މީގެކުރިން ގޯސްކޮށް ކޮށްފައިވާ ކަންކަން ހަމަމަގަށް އެޅުުވުމަށް ގިނަ މަސައްކަތްތަކެއް މިހާތަނަށް ކޮށްފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތީ ބާރު ވަރުގަދަކުރުމަށް ކިތަންމެ ބޮޑު ހަރަދެއްކޮށްގެން ވިޔަސް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ހާރިޖީ ސިޔާސަތަކީ ދިވެހިން އިސްކުރުމުގެ ސިޔާސަތެއްކަމަށާއި ނަމަވެސް ކުރިން ކަން އޮތީ އެހެންނޫން ކަމަށެވެ. އެއިރު ރާއްޖޭގެ ހާރިޖީ ސިޔާސަތު އޮތީ ވަކި ގައުމަކުން ބޭނުންވުމުން ހުރިހާ ކަމެއް ކުރެވޭ ގޮތަށްކަމަށާއި، އެގޮތުން ވަކި ގައުމަކުން ބޭނުންވީމަ އެކުވެރި ގައުމުތަކާ އޮންނަ ގުޅުން ކަނޑައިލާ، ބައިނަލްއަގުވާމީ ޖަމްއިއްޔާ ޖަމާއަތްތަކުން ރާއްޖެ ވަކިވަމުންދިޔަކަން ރައީސް ފާހަގަކުރެއްވިއެވެ.
"އެހެންނަމަވެސް އަޅުގަނޑުމެން އިސްކުރަނީ ދިވެހިންނަށް ކޮބައިތޯ އެންމެ ފައިދާހުރި ގޮތަކީ، މިގައުމަށް އެންމެ ފައިދާވާނެ ގޮތަކީ ކޮބައިތޯ ބަލައި އެގޮތުގައި ކުރިއަށްދާ ސިޔާސަތު. އެހެންވީމާ އަޅުގަނޑުމެންނަކާ ރުޅި ގައުމެއް ނޯންނާނެ. މިދެންނެވި ސިޔާސަތުގެ ދަށުން، ދިވެހި ރައްޔިތުންގެ ތަރައްގީއަށް އެހީތެރިވާނަމަ އެ ގައުމަކާ ގާތް ގުޅުން އޮންނާނެ،" ރައީސް ވިދާޅުވިއެވެ.