Last Updated: June 15, 20:30
Monday, June 15, 2026
ކުޅިވަރު

ޖަރުމަނު ތަފާތު، ހަތް ލަނޑުން މޮޅުވެއްޖެ

ކުރަސާއޯ 7-1 އިން ބަލިކޮަށް، މި ފަހަރުގެ ފީފާ ވޯލްްޑް ކަޕްގެ ފެށުން ޖަރުމަނުން ވަރުގަދަކޮށްފި އެވެ.

ކުރަސާއޯ އަކީ ވޯލްޑް ކަޕްގައި މުޅިން އަލަށް ކުޅޭ ޓީމެއް ކަމަށްވާއިރު، އެޓީމަކީ ވޯލްޑް ކަޕަކަށް ކޮލިފައިވި އެންމެ ކުޑަ ގައުމުވެސް މެ އެވެ. ކުރަސާއޯގެ އާބާދީ އަކީ 150،000 މީހުންނެވެ. އަނެއްކޮޅުން މިއީ ޖަރުމަނުން ވޯލްޑް ކަޕްގައި ކުޅޭ 21 ވަނަ ފަހަރެވެ.

މި މެޗުގައި ޖެހި ހަތް ލަނޑާއެކު ޖަރުމަނު މިހާރު ވެގެން ގޮސްފައިވަނީ ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ޓީމަށެވެ. އެޓީމުން ވަނީ ވޯލްޑް ކަޕްގައި ޖުމްލަ 239 ގޯލު ލަނޑު ޖަހައިފަ އެވެ. ދެވަނައިގައި 238 ލަނޑާއެކު އޮތީ ބްރެޒިލް އެވެ.

އެމެރިކާގެ ހޫސްޓަން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ހަވަނަ މިނެޓްގައި ފެލިކްސް މެޗާ ވަނީ ޖަރުމަނަށް ލީޑު ނަގައިދީފަ އެވެ. މިއީ ކުރަސާއޯގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ. ނަމަވެސް މެޗުގެ 21 ވަނަ މިނެޓްގައި ލިވާނޯ ކޮމެނެންސިއާ ވަނީ ކުރަސާއޯއަށް ނަތީޖާ އެއްވަރުކޮށްދީ ޖަރުމަނު ސިއްސުވާލާފަ އެވެ.

ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ޖަރުމަނުން އިތުރު ދެ ގޯލު ކާމިޔާބުކޮށް ލީޑު ފުޅާކުރި އެވެ. އެގޮތުން މެޗުގެ 38 ވަނަ މިނެޓްގައި ޖަރުމަނުގެ ދެވަނަ ގޯލު އެޓީމުގެ ޑިފެންޑަރު ނިކޯ ޝްލޮޓަބެކް ކާމިޔާބުކޮށްދިންއިރު، ހާފްގެ ފަހު ވަގުތުކޮޅުތެރޭ ލިބުނު ޕެނަލްޓީއަކުން ކައި ހަވެޓްޒް ވަނީ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.

ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ޖަރުމަނުގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިނީ ޖަމާލް މުސިއާލާ އެވެ. އަދި މެޗުގެ 68 ވަނަ މިނެޓްގައި އެޓީމުގެ ފަސްވަނަ ގޯލު ނެތަނިއަލް ބްރައުން ކާމިޔާބުކޮށްދިންއިރު، ހަވަނަ ގޯލު މެޗުގެ 78 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑެނިޒް އުންޑޭވް އެވެ. ޖަރުމަނުގެ ފަހު ގޯލު މެޗުގެ 88 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ހަވެޓްޒް އެވެ.

ގްރޫޕް އީ ގައި ޖަރުމަނާއި ކުރަސާއޯގެ އިތުރުން ދެން ހިމެނޭ އިކުއެޑޯ އާއި އައިވަރީ ކޯސްޓް މިރޭ ބައްދަލުކުރާނެ އެވެ. އެ މެޗު ފަށާނީ ރާއްޖެގަޑިން މިރޭ ދަންވަރު 4 ޖަހާއިރު އެވެ.