ފަހު ވަގުތު ޖެހި ގޯލުން ޖަޕާނުން 2-2 އިން ނެދަލޭންޑްސްއާ އެއްވަރުކޮށްފި އެވެ.
އެމެރިކާގެ ޑަލަސް ސްޓޭޑިއަމްގައި މިރޭ ކުޅުނު "ގްރޫޕު އެފް"ގެ މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މި ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެން ގޮސްފައިވަނީ މަދު ހަމަލާތަކެކެވެ. އެގޮތުން ނެދަލޭންޑްސްގެ ފޯވާޑް މާލަން ފޮނުވާލި ނުރައްކާތެރި ދެ ހަމަލާވެސް މަތަކުރީ ޖަޕާނުގެ ކީޕަރު ސުޒުކީ އެވެ.
މި ހާފުގައި ޖަޕާނަށް ގޯލެއް ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ކެއިޓޯ ނަކަމޫރާ އެވެ. އެގޮތުން ނެދަލޭންޑްސްގެ އޭރިއާ ތެރޭ ހުރެ ފޮނުވާލި ބާރު ހަމަލާ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.
މި މެޗުގައި ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ނެދަލޭންޑްސް އިންނެވެ. މެޗުގެ 51 ވަނަ މިނެޓްގައި ޖަޕާނުގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައަކުން މި ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ވާޖިލް ވެންޑައިކް އެވެ. ނަމަވެސް މެޗުގެ 57 ވަނަ މިނެޓްގައި ކެއިޓޯ ނަކަމޫރާ ވަނީ ޖަޕާނަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.
މެޗުގައި ދެވަނަ ފަހަރަށް ވެސް ލީޑު ނެގީ ނެދަލޭންޑްސުން ކަމަށްވާއިރު، މި ގޯލު މެޗުގެ 64 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސަމަވިލް އެވެ. މިއީ ޖަޕާނުގެ އޭރިއާ ތެރެއަށް ވަދެ އަރިމަތީގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން ކާމިޔާބުކުރި ގޯލެކެވެ. މި ގޯލަށްފަހު ނެދަލޭންޑްސް އިން ފަހަތަށް ޖެހިލައިގެން ކުޅެމުންދިޔައިރު، ޖަޕާނުން ދިޔައީ ނެދަލޭންޑްސްގެ ފަހަތަށް ބާރުބޮޑު ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 89 ވަނަ މިނެޓްގައި ޑައިޗީ ކަމާޑާ ވަނީ ޖަޕާނަށް އެއްވަރުކޮށްދީ އެޓީމަށް ޕޮއިންޓެއް ހޯދައިދީފަ އެވެ.
މި ގްރޫޕުގައި ނެދަލެންޑްސް އާއި ޖަޕާނުގެ އިތުރުން ދެން ހިމެނެނީ ސްވިޑެން އާއި ޓިއުނީޝިއާއެވެ. އެ ދެ ޓީމު ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހެނދުނު 7:00 ގައެވެ.