ފީފާ ވޯލްޑް ކަޕްގައި މިއަދު ކުޅުނު މެޗުން ފަހު ވަގުތު އަމަދު ޑިއާލޯ ޖެހި ގޯލުން، އައިވަރީ ކޯސްޓުން 1-0 އިން އެކުއެޑޯ ބަލިކޮށްފި އެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މި ހާފުގައި އެކުއެޑޯ އިން ނުރައްކާތެރި ދެ ހަމަލާއެއް އައިވަރީ ކޯސްޓުގެ ގޯލަށް ވަނީ ފޮނުވާލާފަ އެވެ. އެގޮތުން މެޗުގެ 24 ވަނަ މިނިޓްގައި ޔޮއާން ޔެބޯއާ ޖެހި ޝޮޓާއި 30 ވަނަ މިނިޓްގައި، އަލަން މިންޑާ ޖެހި ބާރު ބޯޅަ ވެސް އަމާޒުވީ ހުރަސްދަނޑިއަށެވެ.
އަދި ދެވަނަ ހާފުގެ ކުރީކޮޅު އެކުއެޑޯގެ ކެޕްޓަން އެނާ ވެލެންސިއާ ފޮނުވާލި ހަމަލާއެއް ވެސް ދަނޑިއަށް އަމާޒުވި އެވެ. މި ހާފުގައި އައިވަރީ ކޯސްޓުގެ ފޯވާޑް ވާހީ ފޮނުވާލި ހަމަލާއެއް ވެސް ދަނޑިއަށް އަމާޒުވެފައިވެ އެވެ.
ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު އައިވަރީ ކޯސްޓަށް މެޗުގެ އިތުރު ވަގުުތުގެ ގޮތުގައި ދެއްކި ހަތް މިނިޓްގެ ތެރެއިން ފުރަތަމަ މިނިޓްގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަމަދު އެވެ. މިއީ އެކުއެޑޯގެ އޭރިއާ ތެރޭ ހުރެ އެއް ފަހަރުން ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ.
މި ގްރޫޕްގެ ފުރަތަމަ މެޗުން ރޭ ޖަރުމަނުން ވަނީ ކުރަސާއޯ އަތުން 7-1 އިން މޮޅުވެފަ އެވެ. ދެން މި ގްރޫޕްގައި ކުޅޭ މެޗުތަކަށް ބަލާއިރު، ޖަރުމަނުން ކުޅޭނީ އައިވަރީ ކޯސްޓާ އެވެ. އަދި، އެކުއެޑޯ ނިކުންނާނީ ކުރަސާއޯއާ ދެކޮޅަށެވެ.