ޕީއެންސީއަކީ ރައްޔިތުންގެ ތާއީދު އެންމެ ބޮޑަށް ދީފައިވާ ޕާޓީ ކަމަށާއި އެއީ ނުކުޑާނެ ފިކުރެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދ. މީދޫ ކައުންސިލް ރައީސްގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމް ކާމިޔާބު ކުރުމާ ގުޅިގެން އެ ރަށުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ޕީއެންސީ ވެގެން ގޮސްފައިވަނީ ރައްޔިތުންގެ ތާއީދު އެންމެ ބޮޑަށް ދީފައިވާ ޕާޓީއަށް ކަމަށާއި އެގޮތުން ޕީއެންސީ އުފެއްދިގެން މިއަދާއި ހަމައަށް އައިއިރު ބޭއްވުނު އިންތިހާބުތަކުގެ ތެރެއިން، އެންމެ ގިނަ ކާމިޔާބީތައް ހޯދާފައިވަނީ ޕީއެންސީން ކަމަށެވެ.
ޕީއެންސީގެ ފިކުރަކީ ވަރަށް ވަރުގަދަ ނުގުޑާފަދަ ފިކުރެއް ކަމަށާއި އެއީ އިސްލާމްދީން މަތިވެރިކޮށް، ގައުމު އިސްކޮށްގެން ގައުމު ކުރިއަށް ނެރޭ ގައުމީ ފިކުރު ކަމަށް ރައީސް ވިދާޅުވި އެވެ. އެ ފިކުރުން އިސްލާމް ދީނަށް ނަސްރު ދިނުމާއި ހަމަޖެހުމާއި ތަރައްގީ އާއި ރައްކާތެރިކަން ގެނެސްދޭނެ ކަމަށްވެސް ވިދާޅުވި އެވެ.
"މި ސަރުކާރު ކުރިއަށްމިދަނީ އަދި ކުރިއަށް އޮތް ތަނުގައި ދާނީވެސް މި ފިކުރުގެ މަތީގައި. މާތްވެގެންވާ އިސްލާމްދީންް މަތިވެރިކޮށް އެ ދީނަށް ނަސްރުދިނުމުގެ ސިޔާސަތު އަމަލީ ގޮތުން ތަންފީޒުކުރުމާއެކު، މިގައުމުގައި ހަމަޖެހުން ގާއިމުކޮށް، ތަރައްގީ ހާސިލުކޮށްދީ، ހުރިހާ ސިފައެއްގައި ހުރިހާ މާނައެއްގައި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ސިޔާސަތު ތަންފީޒުކުރުމުގައި،" ރައީސް ވިދާޅުވި އެވެ.
ފާއިތުވި ދެ އަހަރު މި ސަރުކާރުން ކުރި މަސައްކަަތަކީ، އަދި ޕީއެންސީގެ ފަރާތުން ރައްޔިތުންނަށް ފެނުނުކަމަކީ ވެސް އެ ސިޔާސަތުތައް ތަންފީޒުކުރުން ކަމަށާއި އެގޮތުން ހަމަޖެހުމާއި ތަރައްގީއާއި ރައްކާތެރިކަން ހާސިލުކޮށްދިނުމުގެ އަމާޒަށް ދަތުރުކުރުމުގައި ސަރުކާރުން ބޮޑެތި ކާމިޔާބުތަކެއް ހާސިލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.