ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން ވަކިކުރުން ނޫން ގޮތެއް މިހާރު ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ގާނޫނު އަސާސީއަކީ ވަކިގޮތަށް އެކުލަވާލެވިފައި، ރައީސް ބާރާއި ރައްޔިތުންގެ ބާރާއި މުއައްސަސާތަކުގެ ބާރުތައް ރުކުރުވާލާފައި ހުރީ ވަކި ހަމަތަކެއްގެ މަތިން ވަކި ކަންތައްތަކެއް ތަންފީޒުކޮށް، ވަކި ބަޔަކަށް ފާރިވެރިވުމަށް ކަމަށެވެ. ނަމަވެސް މި ހުރިހާ ކަމެއް ބޮލާލާ ޖަހާލުމަށްފަހު ރައީސް މުއިއްޒު މިއަދު ހުންނެވީ ހުރިހާ ބާރުތަކެއް އަތައް ކަހާލައިގެން ކަމަށް ޔާމީން ވިދާޅުވި އެވެ.
"މިހާރު މިއޮތް ވަރުން އެނގޭތޯ، ހަމަ މީނާ (ރައީސް މުޢިއްޒު) އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުން، ނޫނިއްޔާ މީނާ އަޒުލު ކުރުން، އަޒުލު ކުރުން ނޫން ގޮތެއް ނެތޭ އިނގޭތޯ. މީނާ ހުންނަވައިގެން ރައްޔިތުންނަށް ހަމަ އެއްވެސް ކަމެއް ފައިދާވާ ތަނެއް ނުފެނޭ. މުޅި ނިޒާމު ކިލަނބުކޮށްލައިފި،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ބާރު ލިބިއްޖެނަމަ ވެރިންނަކީ އަނިޔާވެރިވާ ބައެއް ކަމަށާއި އެއީ އިންސާނީ ތޮބިއްޔަތެއް ކަމަށެވެ. ރައީސް މުއިއްޒު މިއަދު ދައްކަވަަނީ އެކަން ކަމަށާއި ގާނޫނު އަސާސީގައި ސަރުކާރު ޖަވާބުދާރީ ކުރުމަށް ބާރުތަކެއް ކަނޑައަޅާފައި އޮތް ނަމަވެސް އެކަންކަމަށް އަމަލުނުކުރާނަމަ ހުދުމުހުތާރު ވެރިކަމަކަށް ސޮއްސާލުމަކީ ނުރައްކާތެރި ކަމެއް ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
ރައީސް މުއިއްޒު މަގާމުން ވަކިކުރަން ޖެހޭ ކަމަށް ޔާމީން ވިދާޅުވިއިރު، މިއަހަރު ނިމުމުގެ ކުރިން މިވެރިކަން ބަދަލުކުރާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ.