Last Updated: June 15, 20:30
Monday, June 15, 2026
ކުޅިވަރު

ޖަޕާން ސަޕޯޓަރުން ދަނޑު ސާފުކޮށް ނަމޫނާ ދައްކައިފި

ފީފާ ވޯލްޑް ކަޕްގައި ރޭ ޖަޕާން އާއި ނެދަލޭންޑްސް 2-2 އިން އެއްވަރުވި މެޗަށްފަހު ޖަޕާނުގެ ސަޕޯޓަރުން ރީތި ނަމޫނާއެއް ދައްކައިފި އެވެ.

ޖަޕާން ރައްޔިތުންނަކީ ސާފުތާހިރު ކަމަށް ލޯބިކުރާ ބައެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ބައެއް ކަމަށްވާއިރު ފާއިތުވި ދެ ވޯލްޑް ކަޕުން ވެސް އެކަން ވަނީ ފެނިގެން ގޮސްފަ އެވެ. އެގޮތުން އެ ދެ މުބާރާތުގެ މެޗުތަކަށްފަހު ވެސް ޖަޕާން ސަޕޯޓަރުން ސްޓޭޑިއަމް ދޫކޮށް ގޮސްފައިވަނީ ތިބި ސަރަހައްދު ރީތިކޮށް ސާފުކުރުމަށްފަހު އެވެ.

އެގޮތުން ރޭގެ މެޗުން ވެސް ޖަޕާން ސަޕޯޓަރުންގެ ފަރާތުން މި މަންޒަރު ވަނީ ފެނިގެން ގޮސްފަ އެވެ.

ޖަޕާން ސަޕޯޓަރުން ވަނީ މެޗަށްފަހު ސްޓޭޑިއަމަށް އެޅިފައި ހުރި ހުސްކުޅި ފުޅި އާއި ދަޅު އަދި ތަފާތު އެކި ކުނިތައް ކޮތަޅުތަކަށް އަޅައި ސާފުކޮށްފަ އެވެ. ޖަޕާން ސަޕޯޓަރުންނަށް ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން އަންނަނީ ތައުރީފް ކުރަމުންނެވެ.

ނެދަލޭންޑްސްއާ ދެކޮޅަށް ކުޅުނު މެޗުން ޖަޕާނުން ޕޮއިންޓެއް ހޯދީ މެޗުގެ 89 ވަނަ މިނެޓްގައި ކާމިޔާބުކުރި ގޯލުންނެވެ. ގްރޫޕް އެފްގައި ނެދަލެންޑްސް އާއި ޖަޕާނުގެ އިތުރުން ދެން ހިމެނެނީ ސްވިޑެން އާއި ޓިއުނީޝިއާ އެވެ.