Last Updated: June 18, 06:16
Thursday, June 18, 2026
ޚަބަރު

ޒާޔާ ކޯޓަށް ހާޒިރުވާން ޗިޓް ފޮނުވައިފި

މާލޭގެ ކައުންސިލަރެއް ކަމަށްވާ ފާތުމަތު ޒާޔާ ކްރިމިނަލް ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވައިފި އެވެ.

އޭނަ ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވީ، ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބު އަދާކުރަން ގަސްދުގައި ހުރަސްއެޅި ކަމުގެ ތުހުމަތުގައި ދައުލަތުން ކުރާ ދައުވާއާ ގުޅިގެންނެވެ.

އަންނަ ބުދަ ދުވަހަށް ޒާޔާ ކޯޓަށް ހާޒިރުވާން އަންގާފައި ވަނީ އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމަށެވެ. އެ އަޑުއެހުން ތާވަލުކޮށްފައި ވަނީ ބުދަ ދުވަހުގެ ހެނދުނު 10:00 އަށެވެ،

ޒާޔާގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ އޮކްޓޯބަރު 3، 2025 ވަނަ ދުވަހުގެ ރޭ އެމްޑީޕީން މާލޭގައި ބޭއްވި "ލޫޓުވައިފި" މުޒާހަރާގެ ތެރެއިން ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމަށް ބުނެ އެވެ. އެގޮތުން އެ މުޒާހަރާގެ ތެރޭގައި ދަތުރުފަތުރަށް ހުރަސްއަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ވާޖިބު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތު އޭނަގެ މައްޗަށް ކޮށްފައިވެ އެވެ.

މިކަމާ ގުޅިގެން ޗިޓް ފޭސްބުކްގައި ހިއްސާ ކުރައްވައި ޒާޔާ ވިދާޅުވެފައި ވަނީ ކޯޓަށް ހާޒިރުވާން އަންގާފައި އޮތީ ރައްޔިތުން އޭނަ އިންތިޚާބު ކުރި ޒިންމާ އުފުލަން ޖަލްސާއަށް ދާންއޮތް ގަޑިއަށް ކަމަށާއި މިއީ ރައްޔިތުން މަތިކޮށްފައި އޮތް ޒިންމާ އަދާކުރުމަށް ހުރަސް އެޅުމެއް ކަމަށެވެ. އަދި ދައުވާއެއް ކުރިޔަސް, ހަދާނެ ޑީލެއް ވެސް ދެއްކޭނެ ބިރެއް ވެސް ކަމަށް ވިދާޅުވި އެވެ.