ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދަށް ހަމަވާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
އެކަމަށް ދިން ސުންގަޑި ހަމަވާނީ މިރޭ 12:00 އަށެވެ.
މި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް ގޯއްޗާއި ފްލެޓަށް އެންމެ ހުށަހެޅުމަށް ހުޅުވާލީ މި އަހަރުގެ ޖެނުއަރީ މަހުގައެވެ. އެގޮތުން ކުރިން ދިން މުއްދަތު މިދިޔަ މަހުގެ މަހުގެ 31 އަށް ހަމަވުމުން މިނިސްޓްރީން ފަހުން އެ މުއްދަތު މި މަހުގެ 15 އާ ހަމައަށް އިތުރުކޮކޮށްފަ އެވެ.
މި ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓަށް އެދުމުގެ މުއްދަތު އިތުރުކުރީ ބައެއް އުޞޫލްތަކަށް ބަދަލުތަކެއް ވެސް ގެނެސްފައިވެ އެވެ. އެގޮތުން ފިރިމީހާ ނުވަތަ އަނބިމީހާގެ ބޯހިޔާވަހިކަމެއް އޮތަސް ގޯއްޗަކަށް ކުރިމަތިލެވޭނެ އެވެ. އަދި ޖޮއިންޓްކޮށް ގޯތި ލިބުނު މީހުން ގޯތި ދޫކޮށްލައި، ވަކިން ގޯއްޗަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް ވެސް ކުރިމަތިލެވެ އެވެ.
މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށްފައިވާ ކެޓަގަރީގެ ޝަރުތުތަކަށް ވެސް ބަދަލުގެ ނެސްފައިވެ އެވެ.
މި ސްކީމުގެ ދަށުން 15,000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވެ އެވެ. ގޯތި ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ހިމެނެއެވެ. މީގެ އިތުރުން މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށް ނިންމާފައިވާ އިރު ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ދިނުމަށް ހަމަޖެހިފައިވެ އެވެ.