މި ފަހުން ބޭއްވި ތިން އިންތިހާބަކުން ބަލިވި، ހިތަދޫ މޫލެކެޑެ ދާއިރާގެ ކުރީގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ) އިދިކޮޅު އެމްޑީޕީ އަށް ސޮއިކުރައްވަން އުޅުއްވާކަމުގެ އަޑުތަކެއް އަރައިފި އެވެ.
އޭނަ އަކީ މިހާރު ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ މެމްބަރެކެވެ.
އެ ޕާޓީގެ ޓިކެޓްގައި ސޮޑާ އެންމެ ފަހުން ވާދަކުރެއްވީ ހުސްވި، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި އަށް މެންބަރަކު ހޮވަން މި މަހުގެ 6 ގައި ބޭއްވި ބައި-އިލެކްޝަންގަ އެވެ.
އެ އިންތިހާބުގައި އޭނައާ ވާދަކުރައްވައި ގޮނޑި ކާމިޔާބު ކުރެއްވީ މިއަދު މެންބަރުކަމުގެ ހުވާކުރައްވާ އެމްޑީޕީ އަށް ނިސްބަތްވާ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ.
މި ބައި-އިލެކްޝަންގައި ސޮޑާ ވާދަކުރެއްވީ ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް އެޕްރީލް މަހުގެ 25 ގައި ބޭއްވި އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވައި ބަލިވެފައި ވަނިކޮށެވެ. ޕްރައިމަރީ ކާމިޔާބު ކުރެއްވި އުތުރު ދާއިރާގެ ގޮނޑި ގެއްލުނު މުހައްމަދު ސިނާނެވެ.
ނަމަވެސް ޕީއެންސިން ފަހުން ވަނީ އޭނަގެ އަތުން ޓިކެޓް އަތުލައި، ސޮޑާ އަށް ދީފަ އެވެ.
މި ފަހުން އޭނަ އަށް ދެން ބޮޑު ނާކާމިޔާބަކާ ކުރިމަތިލައްވަން ޖެހުނު އަނެއް އިންތިހާބަކީ އަމިއްލަ ގޮތުން ވާދަކުރެއްވި 2024 ގެ މަޖިލިސް އިންތިހާބެވެ. އޭރު ވެސް ސޮޑާ ވާދަކުރެއްވީ އުތުރު ދާއިރާއަށެވެ. އޭރު ގޮނޑި ނެންގެވީ ސިނާނެވެ.
ފުލުފުލުގައި ސޮޑާ އަށް ރައްޔިތުން ނޫނެކޭ ބުނެފައިވާ އިރު، އޭނަ މިހާރު އަލުން އަނެއްކާ ވެސް އެމްޑީޕީއާ ގުޅިވަޑައިގަންނަވަން އުޅުއްވާކަމުގެ ވާހަކަތަކެއް އަންނަނީ ދެކެވެމުންނެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން ސޮޑާގެ ބަހެއް ހޯދަން ކުރި މަސައްކަތް އަދި ކާމިޔާބެއް ނުވެ އެވެ.
އޭނަ އަކީ ކުރިން އެމްޑީޕީގެ ހަރަކާތްތަކުގައި އައްޑޫގައި ވަރަށް އިސްކޮށް އުޅުއްވި ބޭފުޅެކެވެ.