Last Updated: June 18, 03:15
Thursday, June 18, 2026
ޚަބަރު

އެސްއޯ ފުލުހުންގެ ތަމްރީނެއް ފަށައިފި

ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަން ޓްރޭނިން ޕްރޮގްރާމެއް ފަށައިފި އެވެ.

މިއީ ސްޕެޝަލް ރެސްޕޮންސް އެންޑް ޑިޕްލޮއިމަންޓްގެ މުވައްޒަފުންގެ އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރުމަށާއި، ތަފާތު ހާލަތްތަކުގައި އޮޕަރޭޝަންތައް ކުރިއަށް ގެންދެވޭނެ ފަދަ ހުނަރުވެރި ފުލުހުން ބިނާކުރުމުގެ މަގުސަދުގައި ފެށި ޓްރެއިނިންއެކެވެ.

އިއްޔެ ފެށި މި ތަމްރީނު ޕްރޮގްރާމަކީ މާލެ ސަރަހައްދާއި ދ. ވާނީ ކެމްޕަހުގައި ހަތް ހަފުތާގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ތަމްރީން ޕްރޮގްރާމްގައި ޖުމްލަ 34 ފުލުހުން ބައިވެރިވެފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ 27 ފިރިހެން ފުލުހުންނާއި 7 އަންހެން ފުލުހެކެވެ.

ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ސަބަބުން، އެސްއޯ ފުލުހުންގެ މަސައްކަތުގެ ފެންވަރު މަތިކޮށް، އޮޕަރޭޝަންތަކުގައި ހަލުވި އަދި ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ބޭނުންވާ ފަންނީ ހުނަރާއި އަމަލީ ތަޖުރިބާ ލިބިގެން ދާނެ ކަމަށް ފުލުހުންގެ މުއައްސަސާ އިން ބުންޏެވެ.

އަދި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން، ފުލުހުންގެ އޮޕަރޭޝަނަލް ރެޑިނަސް ރަނގަޅުކޮށް، ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ފޯރުކޮށް ދިނުމުގެ ފުރުސަތު ފަހިވާ ކަމަށް ވެސް ބުންޏެވެ.