Last Updated: June 18, 06:16
Thursday, June 18, 2026
ޚަބަރު

ރާއްޖެ އަށް ޕޭޕަލް ތައާރަފުކޮށްފި

ޕޭޕަލްގެ ޚިދުމަތް ރާއްޖޭގައި މިއަދު ލޯންޗުކޮށްފި އެވެ.

އެ ހިދުމަތް ލޯންޗްކުރީ ބާސެލޯ ނަސަންދުރާގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތެއްގަ އެވެ. އެގޮތުން ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ލޯންޗްކޮށް ދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

ރާއްޖެ އަށް ޕޭޕަލް ތައާރަފުކުރީ އުރީދުއާ އެކު ހަދާފައި އޮތް ޕާޓްނަޝިލްގެ ދަށުންނެވެ.

އެ ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޝާދީ ޤަވަސްމީ ވިދާޅުވީ، އުރީދޫގެ އެމް-ފައިސާ މެދުވެރިކޮށް ޕޭޕަލްގެ ޚިދުމަތް ދެވެން ފެށުމަކީ ރާއްޖޭގެ އިގުތިސާދު ކުރިއަރުވައި ދުނިޔޭގެ އެހެން ގައުމުތަކާ އެއް ހަމަ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

އޭނަ ވިދާޅުވީ މިއީ ވިޔަފާރިތަކަށް ހިތްވަރުދީ ވަރުގަދަ ރާއްޖެއެއް ބިނާކުރަން އެޅުނު މުހިންމު ބިންގަލެއް ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޕޭޕަލްގެ ނައިބު ރައީސް އަދި ޖެނެރަލް މެނޭޖަރު އާމިރު ވިލިއާނީ ވިދާޅުވީ ޕޭޕަލްގެ ޒަރިއްޔާ އިން ރާއްޖޭގައި އިތުބާރު ކުރެވޭ މާލީ މުއާމަލާތްތަކެއް ގާއިމު ކުރެވުމަކީ މީހުންނާއި ވިޔަފާރިތައް ގުޅި ލާމެހުމަށް ހުޅުވިގެންދާ މުހިންމު ދޮރެއް ކަމަށެވެ. އަދި މިއީ ރާއްޖެއިން ގެންގުޅޭ މޯލްޑިވްސް 2.0 ގެ ތަސައްވުރާ ގުޅިގެން އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވެސް ވިދާޅުވި އެވެ.

"ފްރީލަންސަރުންނާއި ވިޔަފާރުވެރިންނާއި އާ ފުރުސަތުތައް ހޯދާ ފަރާތްތަކަށް އިތުބާރު ކުރެވޭ މާލީ މުއާމަލާތުތަކެއް ކުރެވުމަކީ އެ ފަރާތްތަކަށް ކުރިއެރުމަށް ލިބޭ ފުރުސަތެއް." ވިލިއާނީ ވިދާޅުވި އެވެ.

ޕޭޕަލްގެ ހިދުމަތް ރާއްޖެ އަށް ތައާރަފު ކުރަން ނިންމިކަން ސަރުކާރުން އިއުލާންކުރީ 2024 ގަ އެވެ އަދި އެ ހިދުމަތް ރާއްޖެ އަށް ތައާރަފު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ވެސް މެ އެވެ.

އެގޮތުން، ރާއްޖެއަށް ޕޭޕަލްގެ އެކްސެސް ހޯދުމުގެ ޕްރޮޕޯސަލް އެ ކުންފުންޏަށް ހުށަހެޅީ 2024 ގަ އެވެ.

ޕޭޕާލް މެދުވެރިކޮށް އިންވާޑް ރެމިޓެންސް ލިބުމުގެ ހުއްދަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އުރީދޫ ފިންޓެކަށް ދީފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.