Last Updated: June 15, 22:59
Monday, June 15, 2026
ޚަބަރު

ސޯބެ މެންބަރުކަމުގެ ހުވާކޮށް، މިހާރު މަޖިލީހުގައި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރުކަމުގެ ހުވާ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) މިއަދު ކުރައްވައި މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވަން ފަށައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ މެންބަރުން ސޯބެ ވަރަށް ބޮޑަށް މަރުހަބާ ވިދާޅުވެފަ އެވެ.

އޭނަ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ މި މަހުގެ 6 ގައި ބޭއްވި ބައި-އިލެކްޝަން ކާމިޔާބުކޮށެވެ. އެ އިންތިހާބުގައި ސޯބެއާ ވާދަކުރެއްވީީ ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން އަހުމަދު ސައީދު (ސޮޑާ) އެވެ.

އުތުރު ދާއިރާގެ ގޮނޑި ހުސްވީ ކުރިން މެންބަރަށް ހުންނެވީ ޕީއެންސީ އަށް ނިސްބަތްވާ މުހައްމަދު ސިނާނަށް ދަރަނީގެ މައްސަލައެއްގައި ގޮނޑި ގެއްލުމާ ގުޅިގެންނެވެ. އޭނަ އަށް ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ އެޕްރީލް 12 ގަ އެވެ.

ސޯބެ އެމްޑީޕީގެ ޕީޖީ ގްރޫޕާ ގުޅިވަޑައިގަތުމާ އެކު އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 13 އަށް އަރައިފަ އެވެ.