ރާއްޖެ އަށް އޮސްޓްރޭލިއާ އިން ހަދިޔާކުރި ނޭވީ މަނަވަރު، ރާއްޖެއަށް ގެނެސްފި އެވެ.
އެ އުޅަނދު އޮސްޓްރޭލިއާގެ ޕާތުން ފުރައިގެން، ހުޅުމާލޭ ބަނދަރަށް އައުމުން، ރަސްމީކޮށް މަރުޙަބާ ދެންނެވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން، އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕް އެވެ.

މި އުޅަނދު، ހުޅުމާލޭ ބަނދަރަށް ވަނީ ކަނޑުމަތީގެ އާދަކާދަތަކާއި އެއްގޮތަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ސެރެމޯނިއަލް އެސްކޯޓާ އެކު އެވެ. އަދި، ހުޅުމާލެ ބަނދަރަށް ވަނުމުން ވޯޓަރ ސެލިއުޓެއް ވަނީ އަރުވައިފަ އެވެ.
މި އުޅަނދަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި އަސްކަރިއްޔާގެ ދިފާއީ ވަސީލަތްތައް ވަރުގަދަކޮށް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އޮސްޓްރޭލިއާ ސަރުކާރާ އެކު ކުރެއްވި މަސައްކަތުން ހޯއްދަވައި ދެއްވި އުޅަނދެކެވެ.
އެގޮތުން އޮސްޓްރޭލިއާ އާއި ރާއްޖެ އާއި ދެމެދުގައި އޮތް ވަރުގަދަ ބަދަހި ގުޅުމުގެ ރަމްޒެއްގެ ގޮތުގައި އޮސްޓްރޭލިއާގެ ޑިފެންސް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން ހަދިޔާކޮށްފައިވާ އުޅަނދަކީ، އޮސްޓްރޭލިއާގެ ޕާތުގެ ހެންޑަސަން ޝިޕްޔާޑުގައި، އޮސްޓަލް ލިމިޓެޑުން ބަނދެފައިވާ މުޅިން އާ އުޅަނދެކެވެ.
މި އުޅަނދު ރާއްޖެއަށް އައުމުގެ ކުރިން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަޅުވެރިން ވަނީ އޮސްޓްރޭލިއާގައި މި އުޅަނދު އޮޕަރޭޓްކު ރާނެ ގޮތުގެ ޚާއްޞަ ތަމްރީނުތަކާއި ފެމިލިއަރައިޒޭޝަން ޓްރަޔަލްސްތައް ފުރިހަމަކޮށްފަ އެވެ.

މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކަމިޝަންކޮށް ރަސްމީކޮށް ޚިދުމަތަށް ނެރުމަށް ހަމަޖެހިފައިވާ މިއުޅަނދުގެ ސަބަބުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމާއި، ކަނޑުމަތީގައި ހިންގާ ޣައިރުޤާނޫނީ ޢަމަލުތައް ހުއްޓުވުމާއި، ކަނޑުމަތީގައި ދިމާވާ ޙާދިސާތަކުގައި މީހުން ހޯދުމާއި ސަލާމަތްކުރުމުގެ ޤާބިލުކަން މިހާރަށް ވުރެ އިތުރުވެގެންދާނެއެވެ. އަދި މިއީ ސަރަޙައްދީ ސަލާމަތާއި ހަމަޖެހުމަށް ދިވެހިރާއްޖެއިން އަދާކުރާ ދައުރަށް ވެސް ލިބިގެންދާނެ ވަރަށްބޮޑު ކުރިއެރުމެކެވެ.
މިއަދު ހެނދުނު ހުޅުމާލޭ ބަަނދަރު ސަރަހައްދުގައި އޮތް މި ހަރަކާތުގައި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ކޯސްޓްގާޑުގެ އޮފިސަރުންނާއި ސެއިލަރުންގެ އިތުރުން އުޅަނދުގެ ފަޅުވެރިންގެ ޢާއިލާތަކުގެ މެންބަރުން ބައިވެރިވެލެއްވިއެވެ.