ޕާޓީ ބަދަލު ކުރައްވަން ނޫޅުއްވާ ކަމަށާއި ދެމިހުންނަަވާނީ ޕީއެންސީގެ މެންބަރެއްގެ ގޮތުގައި ކަމަށް އަހުމަދު ސައީދު (ސޮޑާ) ވިދާޅުވެއްޖެ އެވެ.
ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑި އަށް އަލުން މެންބަރަކު ހޮވަން މި މަހު ބޭއްވި ބައި-އިލެކްޝަންްގައި ވެރިކަން ކުރާ ޕާޓީގެ ފަރާތުން ވާދަކުރައްވައި، ބަލިވެވަޑައިގަތް ސޮޑާ އިދިކޮޅު އެމްޑީޕީ އަށް ސޮއި ކުރައްވަން އުޅުއްވާކަމުގެ އަޑުތަކެއް އަރާފައިވާތީ މި ނޫހުން މިއަދު އެކަމާ ގުޅޭ ގޮތުން ގެނެސްދިން ޚަބަރަކާ ގުޅިގެން ސޮޑާ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ޕީއެންސީގެ ލޮބުވެތި މެމްބަރުންނަށް ދަންނަވަން އޮތީ އޭނަ ހުންނަވާނީ އެ މެންބަރުންނާ އެއްކޮށް ކަމަށެވެ.
"މަ މަހިށީ ތިޔަ ލޮބުވެތި މެމްބަރުންނާއި އެއްކޮށް ޕީއެންސީ މެމްބަރަކާގެ ގޮތެ ސާބިތުކަމާއި އެކީ." ސޮޑާ ވިދާޅުވި އެވެ.
އޭނަ ޕީއެންސީ ދޫކުރައްވައި އެމްޑީޕީއާ ގުޅެން އުޅުއްވާކަމުގެ އަޑުތަކެއް އަރާފައިވާ އިރު، ސޮޑާ އަކީ ކުރިން އެމްޑީޕީގެ މެންބަރެކެވެ. އަދި އޭނަ އަކީ އެމްޑީޕީގެ ހަރަކާތްތަކުގައި އައްޑޫގައި ވަރަށް އިސްކޮށް އުޅުއްވި ބޭފުޅެކެވެ.
އުތުރު ދާއިރާގެ މަޖިލިސް ގޮނޑި އަށް ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތް ސޮޑާ އަކީ އެޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ހިތަދޫ މޫލެޑެކެ ދާއިރާގެ ކައުންސިލަރުގެ މަގާމުގެ ދެވަނަ ދައުރަކަށް ވެސް ވާދަކުރައްވައި ބަލިވެވަޑައިގަތް ބޭފުޅެކެވެ.
އޭނަ 2024 ގައި އުތުރު ދާއިރާގެ މަޖިލިސް ގޮނޑި އަށް އަމިއްލަ ގޮތުން ވެސް ވާދަކުރެއްވި އެވެ.