Last Updated: June 15, 22:59
Monday, June 15, 2026
ޚަބަރު

ޗެއާޕާސަން އިންތިހާބުގެ ދާއިމީ ނަތީޖާ އާންމުކޮށްފި

މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީފެ ޗެއާޕާސަން އިންތިހާބުގެ ދާއިމީ ނަތީޖާ އެ ޕާޓީން މިއަދު އިއުލާންކޮށްފި އެވެ.

މި އިންތިހާބުގައި ވާދަކުރެއްވީ ތިން ކެންޑިޑޭޓެކެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް ނަސީމުގެ އިތުރުން އިބްރާހީމް މުހައްމަދު (ވާޑު) އެވެ.

އިންތިހާބު ކާމިޔާބު ކުރެއްވީ ނަޝީދެވެ. އެ މަނިކުފާނަށް ޖުމްލަ 21،063 ވޯޓް ލިބިވަޑައިގަތް އިރު، މީކާއީލަށް ލިބިވަޑައިގަތީ 9،263 ވޯޓެވެ. ވާޑަށް ލިބުނީ 132 ވޯޓެވެ.

ޗެެއާޕާސަން އިންތިހާބުގައި ޖުމްލަ 30،695 މެންބަރުން ވޯޓްލި އެވެ. އެކަމަކު ސައްހަ ވޯޓްގެ އަދަދަކީ 30،458 އެވެ. ބާތިލު ވޯޓްގެ އަދަދަކީ 237 އެވެ.

ޗެއާޕާސަން އިންތިހާބަށް ސްރީ ލަންކާ ހިމެނޭ ގޮތަށް 241 ވޯޓްފޮށި ބެހެއްޓި އެވެ. ވޯޓްލުން ކުރިއަށް ގެންދިޔައީ ހުކުރު ދުވަހު މެންދުރު ފަހު 2:30 އިން ރޭގަނޑު 9:00 އަށެވެ

އެމްޑީޕީ އަކީ ރާއްޖޭގައި ދެވަނަ އަށް މިހާރު އެންމެ ގިނަ މެންބަރުން ތިބި ޕާޓީ އެވެ.