އިންޑިއާގެ ކުރީގެ މަޝްހޫރު ބަތަލާ އުރްމިލާ މަޓޯންޑްކަރްގެ ކުރީގެ ފިރިމީހާ މުހްސިން އަޚްތަރު އަލުން ކައިވެނިކޮށްފި އެވެ.
އޭނަ އިއްޔެ ކައިވެނި ކުރީ ނިދާ ބަޓް ކިޔާ މީހަކާ އެވެ. އެ ކައިވެނީގެ ހަފުލާގެ ފޮޓޯތަކެއް ވެސް އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ.
ބޮލީވުޑްގައި 1990 ގެ ތެރޭގައި އެންމެ ވިދި ބަތަލާއިންގެ ތެރޭގައި ހިމެނޭ އުރްމިލާ އާއި ކަޝްމީރަށް ނިސްބަތްވާ ވިޔަފާވެރިޔާ މުހްސިން ކައިވެނިކުރީ 2016 ގަ އެވެ. އަދި އެ ކައިވެނި ރޫޅައިލީ 2024 ގަ އެވެ.
ކައިވެންޏަށް ދަރިޔަކު ލިބިފައެއް ނުވެ އެވެ.
ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ އުރްމިލާ، 52، ބުނެފައިވާ ގޮތުގައި މުހްސިންއާ ދިމާވީ އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރު މަނީޝް މަލްއުތުރާގެ ޕާޓީއެއްގެ ތެރެއިންނެވެ. ކައިވެންޏަށް 8 އަހަރު ފަހުން ކައިވެނި ރޫޅައިލަން ނިންމި ސަބަބެއް އުރްމިލާ ހާމަކޮށްފައެއް ނުވެ އެވެ.