ސޯޅަ އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް އެޕްތައް އަންނަ އަހަރުން ފެށިގެން މަނާކުރަން ނިންމިކަން އިނގިރޭސިވިލާތުން މިއަދު އިއުލާންކޮށްފި އެވެ.
މިކަން އިއުލާން ކުރައްވައި ބޮޑުވަޒީރު ކިއާ ސްޓާމާ ވިދާޅުވީ މިއީ ސޯޝަލް މީޑިއާގެ ސަބަބުން ކުދިން ރައްކާތެރި ކުރަން އަޅަން ނިންމި ފިޔަވަޅެއް ކަމަށެވެ. އިނގިރޭސިވިލާތުން 16 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާކުރަން ނިންމިކަން މިއަދު މި އިއުލާންކުރީ މިފަދަ ބަދަލަކަށް މަސައްކަތް ކުރަމުން އަންނަތާ ދުވަސްތަކެއް ފަހުންނެވެ.
އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އޮސްޓްރޭލިއާ އިން 16 އަހަރުން ދަށަށް މަނާކުރުމާ ގުޅިގެން އެ ގައުމުގެ ތަޖުރިބާގެ އަލީގައި އިނގިރޭސިލާތުގައި ވެސް އެފަދަ ބަދަލެއް ގެންނަން މަސައްކަތް ކުރާނެ ކަމަށް ސަރުކާރުން އައީ ބުނަމުންނެވެ.
އިނގިރޭސިވިލާތުގައި 16 އަހަރުން ދަށަށް މަނާކުރަން ނިންމި އެޕްތަކުގެ ތެރޭގައި އިންސްޓަރްގާމާއި ފޭސްބުކާއި ސްނެޕްޗެޓާއި ޓިކްޓޮކް އަދި ޔޫޓިއުބް ހިމެނެ އެވެ. އެ އުމުފުރަށް މަނާ ނުކުރަން ނިންމި އެޕްތަކުގެ ތެރޭގައި ވަޓްސްއެޕާއި ސިގްނަލް ހިމެނެ އެވެ.
އިނގިރޭސި ބޮޑުވަޒީރު ވިދާޅުވީ އަމާޒަކީ އަންނަ އަހަރުގެ ބަހާރު މޫސުން އަންނަންވާ އިރަށް 16 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާ ކުރުން ތަންފީޒު ކުރަން ފެށުން ކަމަށެވެ. އަދި މިކަމަށް ގާނޫނީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ނިންމައި، ކަމާ ގުޅޭ ގާނޫނު މި އަހަރުގެ ޑިސެމްބަރު މަސް ނިމުމުގެ ކުރިން ފާސް ކުރެވޭނެކަމުގެ އުންމީދު އޮތް ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވ އެވެ.