ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
ބީއެމްއެލް އިން ބުނީ ތިން އަހަރަށް ވެވުނު މި އެއްބަސްވުމުގެ ދަށުން ނެޓްބޯލް އެސޯސިއޭޝަނުން ކޮންމެ އަހަރަކު ސްކޫލުތަކުގެ މެދުގައި ބާއްވާ މުބާރާތް (ބީއެމްއެލް ރާއްޖެ ޖޫނިއާ ޗެމްޕިއަންޝިޕް) އަދި ޖޫނިޔާ ޗެންޕިއަންޝިޕް މުބާރާތަށް ބީއެމްއެލްގެ އެހީތެރިކަން ލިބޭނެ ކަމަށެވެ.
ބީއެމްއެލުން ނެރުނު ބަޔާނުގައި ރާއްޖޭގައި ނެޓްބޯޅަ ކުރިއަރުވައި ތަރައްގީކޮށް، ޒުވާނުންގެ ހުނަރު ކުރިއެރުވުމަށް އަމާޒުކޮށްގެން ނެޓްބޯލް އެސޯސިއޭޝަނުން މުބާރާތްތައް ގަވައިދުން ބާއްވާކަން ފާހަގަކޮށްފައިވެއެވެ.
ބީއެމްއެލްއިން ދަނީ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ކުޅިވަރު ހަރަކާތްތަކާއި ގައުމީ އެސޯސިއޭޝަންތަކާއެކު ގާއިމްކުރާ ސްޓްރެޓެޖިކް ޕާޓްނާޝިޕްތަކުގެ ޒަރިއްޔާއިން މުޅި ރާއްޖޭގައި ކުޅިވަރުގެ ހުނަރުތައް ތަރައްގީކުރުމަށް މަސައްކަތް ކުރަމުންނެވެ. މީގެތެރޭގައި ފުޓްބޯލް އެސޯސިއޭޝަން، ބާސްކެޓްބޯލް އެސޯސިއޭޝަން، މޯލްޑިވްސް އެކުއަޓިކްސް އެސޯސިއޭޝަން، ސާފިން އެސޯސިއޭޝަން، ޓެނިސް އެސޯސިއޭޝިއަންގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ހިމެނެއެވެ.