Last Updated: June 15, 20:30
Monday, June 15, 2026
ޚަބަރު

ޕީއެންސީގެ ކޮންގްރެސް ސެޕްޓެމްބަރުގައި ބާއްވަނީ

ޕީއެންސީގެ ކޮންގްރެސް ސެޕްޓެމްބަރު މަހު ބޭއްވުމަށް ނިންމައިފި އެވެ.

ޕީއެންސީގެ ލީޑާޝިޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި ކޮންގްރެސް ކުރިއަށް ދާނީ 15-18 ސެޕްޓެމްބަރަށެވެ.

އޭގެ ކުރިން ޕާޓީގެ ދާއިރާތަކުގެ އިންތިހާބު ބާއްވާނެކަމަށާއި، ދާއިރާތަކުގެ އިންތިހާބު އަންނަމަހުގެ 11 ގައި ބާއްވަން ނިންމާފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"މި މި ހުޅުވާލަނީ ޕާޓީގެ ދާއިރާގެ ރައީސުން، ދާއިރާގެ ނައިބު ރައީސުން، އަންހެނުންގެ ހަރަކާތުގެ ރައީސުން، ޒުވާނުންގެ ހަރަކާތުގެ ރައީސުން، ސްޓިއަރިން ކޮމިޓީގެ ރައީސުން، މި އިންތިހާބަށް މިއަދު މި ހުޅުވާލަނީ، މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކުރިމަތިލުމުގެ ފުރުސަތު، މިކަމަށް ހާއްސަ ޕޯޓަލެއްވެސް މިއަދު އެބަ އިފްތިތާހުކުރަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ މި މަގާމުތަކަށް ވާދަކުރެވޭނީ މިއަދާ ހަމައަށް ކޮންގްރެސް ޕާޓީގައި ދަފްތަރުވެފައި ތިބި މެމްބަރުންނަށް ކަމަށެވެ. އަދި މި އިންތިހާބުގައި ވޯޓުލެވޭނީވެސް މިއަދާ ހަމައަށް ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.