ކުޅިވަރު ކުޅޭ ހުރިހާ މައިދާންތަކެއްގައި ވެސް، ނަމާދު ވަގުތު ޖެހުމާ އެކު 20 މިނެޓަށް ހަރަކާތްތައް ހުއްޓާލުމަށް ސްޕޯޓްސް މިނިސްޓްރީން ރަސްމީކޮށް އަންގައިފި އެވެ.
ސްޕޯޓްސް މިނިސްޓްރީން، ކުޅިވަރު އެސޯސިއޭޝަންތަކަށް މިއަދު ފޮނުވި ސާކިއުލާއެއްގައި ބުނީ، ނަމާދަށް ގޮވާ ވަގުތުން ފެށިގެން 20 މިނެޓުގެ ވަގުތަކަށް ހުރިހާ ކުޅިވަރު ހަރަކާތްތަކެއް މެދުކަނޑާލަން ޖެހޭނެ ކަމަށެވެ. މިއީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކާއި، ކްލަބްތަކާއި، އެކަޑަމީތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުން ހިންގާ ހަރަކާތްތަކަށްވެސް އަމަލުކުރުން ލާޒިމު ސިޔާސަތެއްކަމަށް މިނިސްޓްރީން ބުންޏެވެ.
".އެހެންކަމުން ތިޔަ އެސޯސިއޭޝަންގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ އެންމެހާ ހަރަކާތްތައް އިސްވެ ދެންނެވުނު ފަދައިން ނަމާދުވަގުތަށް މެދުކަނޑާލައި މިކަން ތަންފީޒުކުރަމުން ގެންގޮސްދެއްވުމަށް ދަންނަވަމެވެ" ސްޕޯޓްސް މިނިސްޓްރީން ބުންޏެވެ.
ރައީސް އޮފީހުގައި މިމަހުގެ އެއްވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ބަންގި ގޮވާ ގަޑިން ފެށިގެން ކަނޑައެޅޭ ވަކި ވަގުތުކޮޅެއް ވަންދެން ހުރިހާ ކުޅިވަރެއް މެދުކަނޑާލަން ޖެހޭގޮތް ހައްދަވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ކުޅިވަރު ކުޅެން އުޅޭއިރު ނަމާދު ވަގުތު ޖެހުމުން ނަމާދު ކުރެވޭނެ މަގު ފަހިކޮށް ދިނުމަށްޓަކައި މިހާރު ސަރުކާރުން އަޅާ ސްޕޯޓްސް ކޮމްޕްލެކްސް ހިމެނޭހެން ކުޅިވަރު ކުޅޭ އިމާރާތްތަކުގައްޔާއި، ކުޅިވަރު ކުޅޭ މައިދާންތަކުގައި ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.
އަދި ބަންގި ގޮވާ ވަގުތުން ފެށިގެން ކަނޑައެޅޭ ވަކި ވަގުތުތަކަކަށް ހުރިހާ ކުޅިވަރުތަކެއް މެދުކަނޑާލުމަށް ގެންނަން ޖެހޭ ބަދަލުތައް ވެސް ގެންނާނެ ކަމަށް ވިދާޅުވި އެވެ.