Last Updated: April 29, 22:11
Monday, April 29, 2024
ސިޔާސީ

އެމްއެމްޕީއާރްސީ މައްސަލާގައި ރައީސް ހިމެނޭ: ނިޒާރު

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލައި ގައި ރައީސް ޔާމީން ހިމެނޭ ކަމަށާއި އެހެން ނަމަވެސް އެވާހަކަތައް އަޑުއަހަން ރައީސް ޔާމީން އަށް ކެތްނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ، ރައީސް ޔާމީނަކީ ވަގެއް ކަމަށާއި ސިހުރު ހަދާ މީހެއްކަމަށް ރައްޔިތުން ވާހަކަތައް ދައްކަމުންދާ ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަން ތާރީހްގައި ލިޔެވިގެންދާނީ ނުބައި ވެރިންގެ ތެރޭގައި ކަން ފާހަގަކުރައްވައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ، ވެރިކަމަށް އަންނަ މީހާ ވެރިކަން ކުރަނީ ރައްޔިތުންނަށްޓަކައި ކަމަށާއި އެހެންކަމުން ރައްޔިތުންނަށް ބޭނުންހާ އެއްޗެއް ކިޔެންޖެހޭނެ ކަމަށެވެ.

ރައީސް މައުމޫންގެ ދައުރުގައި ރައީސް މައުމޫނޭ ކިޔައިގެން އެއްޗެކޭ ކިޔައިފި ނަމަ ވަޒީފާ ވެސް ގެއްލި އަރުވާލަން ވެސް ޖެހޭ ކަމަށާއި ރައީސް ޔާމީނަކީ މައުމޫންގެ ދަރިވަރެއް ކަމަށާއި އެހެންކަމުން ރައީސް ޔާމީނަށް ނިސްބަތްކޮށް ވާހަކަތަކެއް ދެކެވިދާނެ ކަމަށް އެބޭފުޅާއަށް އަމިއްލަ ފުޅަށް ގަބޫލު ނުކުރެވޭކަމަށް ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ ރައީސް ޔާމީން ބޭނުންފުޅު ވަނީ ފަހަތަށް ދާން ކަމަށާއި އެހެން ނަމަވެސް ރައްޔިތުންގެ ތެރެއިން ގިނަ މީހުން ބޭނުން ވަނީ ކުރިއަށް ދާން ކަމަށެވެ.

"އަޅުގަނޑުމެން އެބަޖެހޭ ގޮނޑިތަކަށް ވެސް އަރަން. މޭޒު މައްޗަށް ވެސް އަރަން އެބަޖެހޭ. ރިޔާސަތުގައި އިންނަ ބޭފުޅާގެ މޭޒަށް ވެސް އަރަން އެބަޖެހޭ. އެ ހާލަތުގައި ނޫން ގޮތަކަށް މި ރާއްޖެ ބަދަލެއް ނުކުރެވޭނެ" ނިޒާރު ވިދާޅުވިއެވެ.

Untitled

ނިޒާރު ވިދާޅުވީ ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ ގާނޫނުތަކަށް ބަދަލު ގެންނަތަން ބަލަން ތިބޭކަށް ނުޖެހޭ ކަމަށާއި މިކަމާއި ވަކާލާތު ކުރަން އެބަ ޖެހޭ ކަމަށާއި ރައްޔިތުން ނުކުމެ އިހްތިޖާޖް ނުކޮށްފި ނަމަ މިދެވެނީ ފަހަތަށް ކަމަށެވެ.

" ހީވާ ކަހަލަ ސަލްޓަންޕާކާއި ސުނާމީ ބިނާގައި ކުލަ ލައިގެން، ބޮކި ލައިގެން ތަރައްގީއޭ. ތަރައްގީ ހިފައިގެން. މި ރާއްޖޭގެ އިގްތިސާދު ހިފައިގެން ރައީސް ޔާމީން ފަހަތަށް ދާނީ. ހައްގުތަކަށް އަރައިގެން ފަހަތަށް ދަންޏާ މިހުރިހާ އެއްޗެއް ހިފައިގެން ފަހަތަށް ދާނީ. " ނިޒާރު ވިދާޅުވިއެވެ.

ރަށްރަށުގައި ނަރުދަމާ އެޅުމާއި މަގުތައް ހަދަމުން ދަނީ އެމްޑީޕީން ވާހަކަތައް ދައްކާތީ ކަމަށާއި ނަމަވެސް ބާރުތައް ޔަގީންވެ މުށުތެރެއަށް ބާރުތައް ލެވޭނެ ކަމުގެ ޔަގީންކަން ލިބުމާ އެކު ހުރިހާ ކަމެއް ވެސް ހުއްޓޭނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.