މީހަކު ސުފްޔާނުއް ޘައުރީ ރަޙިމަހުﷲ ގެ އަރިހަށް ވަޑައިގެން ވިދާޅުވި އެވެ.
އޭ ސުފްޔާނެވެ! އަހަރެންނަށް އަހަރެންގެ ރައްބާއި ދުރުހެލިވުމުގެ ބަލިން ބަލި ޖެހިއްޖެ އެވެ. ވީމާ އަހަރެންނަށް އެކަމުގެ ޝިފާއެއް ލިބޭނެ ބޭހެއް ލިޔެދެއްވާށެވެ.
ދެން ސުފްޔާނުއް ޘައުރީ ރަޙިމަހުﷲ އޭނާ އަށް ވިދާޅުވި އެވެ.
ތިބާގެ މައްޗަށް އޮތީ އިޚްލާޞްތެރިކަމުގެ މުލާއި، ކެތްތެރިކަމުގެ ފަތާއި، ތަވާޟުޢުވެރިކަމުގެ (ހިތްތިރިކަމާއި މަޑުމައިތިރިކަމުގެ) ޖޫސް، ތަޤުވާވެރިކަމުގެ ތެއްޔެއް ތެރެއަށް އެޅުމެވެ. އެއަށް ފަހު އެ އެއްޗެހި އެއްކޮށްލި ތެލީގެ ތެރެއަށް ﷲ އަށް ބިރުވެތިވުމުގެ ފެން އޮށްސާއިލާށެވެ. އެއަށް ފަހު، ކުށްފާފަތަކަށް ހިތާމަކުރުމުގެ އަލިފާން ރޯކޮށް އެ ތަކެތި ކައްކާށެވެ.
އަދި އެ ތަކެއްޗަށްވާ ގޮތް، ވަރުގަދަ ބެލުމަކުން ބަލާއި ފަރާވެރިވެ ހުންނާށެވެ. އަދި އެ ކެއްކި ތަކެތި، ތެދުވެރިކަމުގެ އަތަކުން ކާލާށެވެ. އަދި އިސްތިޣުފާރު ކުރުމުގެ ޖޯޑަކަށް އަޅާއި އެ ތަކެތީގެ ދިޔަ ބޯލާށެވެ. އަދި ވަރަޢަވެރިކަމާ އެކު އެ ފެނުން އަނގަ ދޮވެލާށެވެ. އަދި އެ ބޯ އިރު ދަހިވެތިކަމާއި ދުރުހެލިވާށެވެ. އެހާ ހިސާބުން ތިބާގެ ބައްޔަށް ﷲ ގެ އިރާދަފުޅާ އެކު ޝިފާ ލިބިދާނެ އެވެ.
[كتاب دروس للشيخ محمد حسان: (5/ 15)]
ޚުލާސާ:
އެ ބަސްކޮޅުގެ އަލީގައި ﷲ ސުބްޙާނަހޫ ވަތަޢާލާ އާއި އެމީހެއްގެ ނަފްސު ދުރުހެލިވެފައިވާ މީހާ ކުރަން ޖެހޭ ކަމަށް، ސުފްޔާނުއް ޘައުރީ ރަޙިމަހުﷲ އެ ބަޔާން ކުރެއްވި ކަންކަމަކީ:
1. ހެޔޮ ޢަމަލުތަށް ކުރުމުގައި އިޚްލާސްތެރިވުން
2. ހެޔޮ ޢަމަލުތަށް ކުރުން މަތީ ކެތްތެރިވުން
3. ހިތްތިރިކުރުމާއި މަޑުމައިތިރިވުން (ތަވާޟުޢުވެރިވުން)
4. ﷲ އަށް ބިރުވެތިވުން (ތަޤުވާވެރިވުން)
5. ކުށް ފާފަތަކާ މެދު ހިތާމަކުރުން
6. ނަފްސަށް އަންނަ ބަދަލު ތަކާއިމެދު ސަމާލުވެ ރައްކާތެރިވެހުރުން
7. ތެދުވެރިވުން
8. ފާފަ ފުއްސެވުން އެދި ދުޢާ ކުރުން
9. ދަހިވެތިކަން ދޫކޮށްލުން
10. އާޚިރަތަށް ފައިދާ ނުކުރާނެ ކަންކަން ދޫކޮށްލުން (ވަރަޢަވެރިވުން)
މަސްދަރު: އިލްމީ ބުސްތާން