ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރު ލަވް ރަންޖަންގެ އާ ފިލްމުގެ ލީޑް ތަރިންނަކީ ކާތިކް އާރިއަނާއި ޝަރްވާރީ ވާގް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ވެސް މީޑިއާތަކުން ބުނީ ލަވްގެ އާ ފިލްމަކީ އޭނައާ އެކު ކުރިން ވެސް ކާމިޔާބު ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ ކާތިކް ކަމަށެވެ.
ކާތިކްގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ ލަވްގެ 2018 ގެ 'ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ' އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނީ އާ ފިލްމަށް ލަވް ތައްޔާރީތައްވަމުން އަންނަ އިރުމ އާ ފިލްމުގެ ބަތަލާގެ ރޯލު މިހާރު ޝަރްވާރީ އަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް މި ފިލްމު ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.
ޝަރްވާރީ އަކީ މި ވަގުތު ބޮލީވުޑްގައި އެންމެ ޑިމާންޑް ބޮޑު ޒުވާން އެއް ބަތަލާ އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ހުކުރު ދުވަހު ރިލިޒްކުރި ޑައިރެކްޓަރު އިމްތިއާޒް އަލީގެ 'މޭ ވާޕަސް އާއޫނގާ' އެވެ. ޝަރްވާރީގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 3 ގައި ރިލީޒްކުރާ އާލިއާ ބަޓްގެ 'އަލްފާ' އެވެ.
އަދި މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާ ގެނެސްދޭ އާއިލީ ލޯބީގެ ފިލްމު 'ޔޭ ޕްރޭމް މޯލް ލިޔާ' ގެ ބަތަލާ އަކީ ވެސް އަރަމުން އަންނަ އުންމީދީ ބަތަލާ އެވެ. އެ ފިލްމުގެ ބަތަލަކީ އަޔޫޝްމަން ކްރާނާ އެވެ.
މިދިޔަ އަހަރު ރިލީޒްކުރި 'ސައްޔާރާ' އިން ވިދި އެކްޓަރު އަހާން ޕާންޑޭ ކުޅެމުން އަންނަ ދެވަނަ ފިލްމުގެ ބަތަލާ އަކީ ވެސް ޝަރްވާރީ އެވެ. އެ ރޮމޭންޓިކް އެކްޝަން ތުރިލާ އަކީ އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ ފިލްމެކެވެ.
ހަންގާމާ އިން ބުނި ގޮތުގައި ކާތިކާއިި ޝަރްވާރީ ޖޯޑު އަލަށް ބޮޑު ސްކްރީނަށް ގެންނަން ލަވް ހަދަން ނިންމާފައިވާ ފިލްމުގެ ޝޫޓިން މި އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ފަށާނެ އެވެ. ލަވް އަބަދު ވެސް ފާހަގަކޮށްލެވެނީ ވަރަށް ހިތްގައިމު ލޯބީގެ ފިލްމުތައް ގެނެސްދޭ ޑައިރެކްޓަރެއްގެ ގޮތުގަ އެވެ.
އޭނަގެ އެންމެ ފަހުގެ ފިލްމަކީ ރަންބީރް ކަޕޫރާއި ޝްރަދާ ކަޕޫރާ އެކު 2023 ގައި ގެނެސްދިން 'ތޫ ޖޫޓީ މޭ މައްކާރް' އެވެ.