Last Updated: April 29, 22:11
Monday, April 29, 2024
ސިޔާސީ

ނާޒިމްގެ މައްސަލަ ނިމުނު ފަހުން ފަނޑިޔާރުންނާ ޑރ. މުއިއްޒު ބައްދަލު ކުރެއްވި!

ހައި ކޯޓުގައި ކުރިއަށް ދިޔަ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމްގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް މައްސަލަ ނިމުނު ފަހުން އެ މައްސަލަ ބެއްލެވި ފަނޑިޔާރުންނާ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރެއްވިކަން އިތުބާރު ހުރި ގޮތަކަށް "އައްޑޫލައިވް" އަށް އެނގިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި، ނާޒިމްގެ މައްސަލަ ހައި ކޯޓުގައި ބެއްލެވި ތިން ފަނޑިޔާރުންނާ ޑރ. މުޢިއްޒު ބައްދަލު ކުރައްވާފައި ވަނީ ހައި ކޯޓުގެ ޙުކުމް ކުރި ހަފުތާގެ ތެރޭގަ އެވެ.

ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް "އައްޑޫލައިވް" އާ ވާހަކަ ދެއްކި ހައުސިން މިނިސްޓްރީގެ މުވައްޒަފަކު ބުނީ ފަނޑިޔާރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވާފައި ވަނީ ރެހެންދި ފްލެޓުން އެބޭފުޅުންނަށް ދިނުމާ ބެހޭ ގޮތުންނެވެ.

މީގެ ކުރިން ސަރުކާރުން ސްޕްރީމް ކޯޓުގެ ފަސް ފަނޑިޔާރަކަށާއި މިނިވަން މުއައްސަސާތަކުގެ ވެރިންނަށް ރެހެންދި ފްލެޓުން ފްލެޓް ދީފައިވާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމުން އެ މައްސަލަ ތަހުގީގުކޮށްފައިވެ އެވެ.

ނަމަވެސް އެ ކޮމިޝަނުން ނިންމާފައި ވަނީ ފްލެޓް ދިނުމުގައި ކޮރަޕްޝަން އެކުލެވިގެން ނުވާ ކަމަށެވެ.