Last Updated: June 15, 20:30
Monday, June 15, 2026
ޚަބަރު

މާފުށީ ޖަލުގައި ބެގެޖް ސްކްރީނިން މެޝިނެއް ބޭނުންކުރަން ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ މާފުށީ ޖަލުގައި އަލަށް ބަހައްޓާ ބެގެޖް ސްކްރީނިންގ މެޝިން، ބޭނުންކުރަން ފަށައިފި އެވެ.

މިއަދު އޮތް ރަސްމިއްޔާތެއްގައި އެކަން އިފްތިތާހުކޮށް ދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީ އަލީ އިހްސާން އެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ހަދިޔާކުރި ބެގެޖް ސްކްރީނިންގ މެޝިނަކީ، ޖަލުގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ބެހެއްޓުނު މެޝިނެކެވެ. އަދި މިއީ މާފުށި ޖަލުގައި ބެހެއްޓުނު މިފަދަ ފުރަތަމަ މެޝިނެވެ.

މި މެޝިން ބޭނުންކުރާ ގޮތުގެ ތަމްރީން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ދޭނެ ކަމަށާއި ބެގެޖް ސްކްރީންކުރުމަށް ބޭނުންވާ ޚާއްސަ ތަމްރީން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވަނީ ދޭނެ ކަމަށް ކަރެކްޝަނުން ބުނެ އެވެ.

މި މެޝިން މެދުވެރިކޮށް ޤައިދީންނާއި ބަންދުމީހުން ޖަލަށް އަލަށް އަންނަ އިރު ގެންނަ ތަކެތި، އެފަރާތްތަކަށް ޢާއިލާއިން ފޮނުވާ ތަކެތި އަދި ޢާއިލީ އާއި އެކަހެރި ބައްދަލުވުންތަކަށް ޖަލަށް ޒިޔާރަތްކުރައްވާ ފަރާތްތަކުގެ ތަކެތި ސްކްރީން ކުރެވިގެންދާނެ އެވެ.