Last Updated: June 15, 22:59
Monday, June 15, 2026
ޚަބަރު

ކުންފުނިތަކުން އެމްޑީޕީ މެމްބަރުން ވަކިކުރާތީ ޒަރީރު މަޖިލީހަށް

ސަރުކާރު ކުންފުނިތަކުން އެމްޑީޕީ މެމްބަރުން ވަކިކުރާ މައްސަލައިގައި ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅައިފި އެވެ.

ކުޑޫ ހުށަހެޅުއްވި ސުވާލުގައި ބުނީ ގާނޫނުއަސާސީގެ 115ވަނަ މާއްދާއިން ރައީސަށް ލިބިދޭ ބާރުގެ ތެރެއިން އުފައްދާ ސިޔާސީ މަގާމުތައް ފިޔަވައި ދައުލަތުގެ އެހެން އެއްވެސް ވަޒީފާއަކަށް މީހުން އައްޔަންކުރުމާއި ވަކިކުރުމުގައި އޭނާ ސިޔާސީ ގޮތުން ގެންގުޅޭ ހިޔާލުތަކާއި އޭނާ ނިސްބަތްވާ ސިޔާސީ ޕާޓީއަށް ބަލައިގެން ތަފާތުކުރުމަކީ ގާނޫނުން ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ.

އެހެންކަމުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ތިބި މުވައްޒަފުންނަށް އިންޒާރުދީ، ގާނޫނާ ހިލާފަށް ވަޒީފާއިން ވަކި ކުރަމުން ގެންދަނީ ކޮން އުސޫލަކުންތޯ އާއި ކީއްވެގެންތޯ އެ ސުވާލުގައިވެ އެވެ.

ނިމިގެން ދިޔަ އެމްޑީޕީ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނާއި، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ އެމްޑީޕީގެ ކެމްޕެއިނުގައި ބައިވެރިވި ބައެއް ފަރާތްތައް ސަރުކާރު ކުންފުނިތަކުން ވަކިކުރަން ވަނީ ފަށައިފަ އެވެ.