އަންނަ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި މުޒާހަރާކުރުމަށް އެމްޑީޕީން ނިންމައިފި އެވެ.
އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގަރާރު ހުށަހެޅީ އެ ޕާޓީގެ ސެކްރެޓޭރިއެޓުންނެވެ.
އެ ގަރާރުގައި ބުނެފައިވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ނިންމަން ގާނޫނުގައިވާ މުއްދަތު ދަންމާލައި، ފެނާއި ނަރުދަމާގެ މަޝްރޫއުތައް ވެސް ހިމެނޭ ގޮތަށް އެމްޑީޕީގެ ކުރީގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް މަޑުޖެހިފައިވާ ކަމަށާއި އަދި ރައީސް މުއިއްޒާ ދެކޮޅަށް ޝުއޫރު ފާޅުކުރަމުންދާ މީހުންނާއި، އަދި އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވި މީހުންގެ ތެރެއިން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ތިބި މީހުން ވަޒީފާއިން ވަކިކުރުމާއި ސަސްޕެންޑްކުރުމާއި އާއިލާއާ ދުރު ރަށްރަށަށް ބަދަލުުކުރުން ފަދަ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.
މީގެއިތުރުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުންކުރާ މީހުންނާ ދެކޮޅަށް ސިޔާސީ ދައުވާތައް އުފުލަމުން ގެންދާކަން ވެސް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.
އަންނަ ބުރާސްފަތި ދުވަހު އެ ކަންކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ އިތުރުން ސަރުކާރުން ހުއްޓުވާފައިވާ ތަރައްގީގެ މަޝްރޫއުތަކާ ކައުންސިލްތަކުން ހަވާލުވެ އެ މަޝްރޫއުތައް ނިންމައި ހިދުމަތް ދޭން ފެށުމަށްޓަކައި އެމްޑީޕީން ރަށު ކައުންސިލްތަކާއެކު މަސައްކަތް ކުރުމަށް ވެސް މިރޭ އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކުރި އެވެ.
އޭގެ އިތުރުން، ސިޔާސީ ކަންކަމާ ގުޅުވައިގެން ވަޒީފާތަކުން ވަކި ކުރާ ފަރާތްތަކާއި ސިޔާސީ ދައުވާތައް އުފުލާފައިވާ ފަރާތްތަކަށް އެމްޑީޕީން ގާނޫނީ އެހީތެރިކަމާއި އެ ނޫން ވެސް އެހެނިހެން އެއްބާރުލުން ދިނުމުގެ ނިޒާމެއް ގާއިމު ކުރުމަށް ވެސް މިރޭ ފާސްކުރި އެވެ.