ފީފާ ވޯލްޑް ކަޕްގައި މިރޭ ސްޕެއިން އާއި ކޭޕް ވާޑޭ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެ އެވެ.
މިއީ އާބާދީގައި 500،000 އެއްހާ މީހުން ދިރިއުޅޭ ކޭޕް ވާޑޭ ވޯލްޑް ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މިއީ މި މުބާރާތުގެ ފެވަރިޓުންގެ ތެރޭގައި ހިމެނޭ ސްޕެއިނުން ވޯލްޑް ކަޕްގައި ކުޅޭ 17 ވަނަ ފަހަރެވެ.
އެމެރިކާގެ އެޓަލާންޓާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ސްޕެއިނުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ، ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް ސްޕެއިނުން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި ކޭޕް ވާޑޭގެ އުމުރުން 40 އަަހަރުގެ ގޯލްކީޕަރު ވޮޒިނާގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފަ އެވެ.
މެޗުގެ ދެވަނަ ހާފުގައި ސްޕެއިނުން އެޓީމުގެ ޒުވާން ތަރި، ލަމީން ޔަމާލް ކުޅެން އަރުވައިގެން އެޓީމުގެ އެޓޭކުތައް ވަރުގަދަކުރަން މަސައްކަތް ކުރި ނަމަވެސް، އެޓީމަށް ވަނީ ކޭޕް ވާޑޭގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތް ނުވެފަ އެވެ.
މި މެޗުގެ ފަހު މިނެޓުގައި ކޯނަރަކުން ކޭޕް ވާޑޭއަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް އެޓީމުގެ ޑިނޭ ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ސްޕެއިން ކީޕަރު ސިމޮންއާ ދިމާއަށެވެ.
މި ގްރޫޕުގައި ދެން ހިމެނެނީ ސައުދީ އަރަބިއްޔާ އާއި އުރުގުއާއީ އެވެ. އެ ދެ ޓީމު ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ ދަންވަރު 3:00 ގަ އެވެ.