Last Updated: June 18, 03:15
Thursday, June 18, 2026
ޚަބަރު

އެމެރިކާ-އީރާންގެ ސުލްހައިގެ އެއްބަސްވުމަށް ރާއްޖޭގެ މަރުހަބާ

ފޮރިން މިނިސްޓްރީ

އެމެރިކާ އާއި އީރާނާ ދެމެދު ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ދެ ޤައުމުން އެއްބަސްވުމަކަށް އައިސްފައިވާތީ އެ ނިންމުމަށް ދިވެހި ސަރުކާރުން މަރުޚަބާ ކިޔައިފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިއީ ސަރަޙައްދީ ނުތަނަވަސްކަން ކުޑަކޮށް، ސަރަޙައްދުގެ އިތުރުން މުޅި ދުނިޔޭގެ ސުލްހަ މަސަލަސްކަމާއި، އަމާންކަމާއި، ހަމަޖެހުން ގާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

މައްސަލަތައް ހައްލުކުރުމުގައި ދެފަރާތުގެ ކަންބޮޑުވުންތަކަށް ޑިޕްލޮމެޓިކް އުސޫލުންނާއި މަޝްވަރާގެ މަގުން ހައްލު ހޯދުމަށް ދެ ގައުމުން އިސްކަންދީފައިވާތީ، އެކަންވެސް ރާއްޖެއިން ވަނީ ފާހަގަކޮށްފަ އެވެ.

އަދި ދެ ފަރާތުގެ ދެމެދުގައި މަޝްވަރާތައް ބޭއްވުމަށާއި، މަސްލަހަތު ގާއިމުކުރުމަށް ޕާކިސްތާނާއި، ގަތަރާއި، ގަލްފުގެ އެހެނިހެން ގައުމުތަކުގެ އިތުރުން ސަރަހައްދީ އަދި ބައިނަލްއަގުވާމީ ބައިވެރިން އަދާކުރި މެދުވެރިއެއްގެ ދައުރާއި ޑިޕްލޮމެޓިކް މަސައްކަތްތަކަށް ސަރުކާރުން ވަނީ ތައުރީފުކޮށްފަ އެވެ.

މި ބަޔާނުގައި ވަނީ މަޝްވަރާއާއި، ޑިޕްލޮމަސީ އަދި ބައިނަލްއަގުވާމީ ގާނޫނުތަކަށް ރާއްޖެއިން އަބަދުވެސް ތާއީދުކުރާކަން ހާމަކޮށްފަ އެވެ. އަދި މި ހެޔޮ ބަދަލުގެ ސަބަބުން ސަރަހައްދީ އެއްބާރުލުން އިތުރުވެ، ދެމެހެއްޓެނިވި އިގްތިސާދީ ކުރިއެރުމަށާއި، ދާއިމީ ސުލްހައާއި ހަމަޖެހުމަށް މަގުފަހިވެގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް ސަރުކާރުން ބުންޏެވެ.