Last Updated: June 15, 23:32
Monday, June 15, 2026
ޚަބަރު

ނައިބު ރައީސް ޖަރުމަނަށް ފުރާވަޑައިގެންފި

ބަރލިން ކްލައިމެޓް މޮބިލިޓީ ފޯރަމް 2026 ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ޖަރުމަނުވިލާތުގެ ބަރލިންއަށް މިރޭ ފުރާވަޑައިގެންފި އެވެ.

މި ފޯރަމް ކުރިއަށްދާނީ މި މަހުގެ 21 ގެ ނިޔަލަށް ޖަރުމަނުވިލާތުގެ ބަރލިންގައެވެ.

މިއަހަރުގެ ފޯރަމްގައި ދުނިޔޭގެ ލީޑަރުންނާއި، ސިޔާސަތު އެކުލަވާލާ އިސްފަރާތްތަކާއި، އެންމެ ބޮޑަށް އަސަރުކޮށްފައިވާ މުޖުތަމަޢުތަކުގެ މަންދޫބުންގެ އިތުރުން އެބައެއްގެ ފެންވަރުގައި ހައްލުތައް ގާއިމުކުރަމުންދާ ޒުވާން އީޖާދުވެރިން އެއްތަންވެ މަޝްވަރާކުރާނެއެވެ. މަތީ ފަންތީގެ ބައިނަލްއަގުވާމީ މި ފޯރަމްގެ މަގްސަދަކީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކާ ގުޅިގެން، މޫސުމީ ހިޖުރަކުރުމާއި، ވަޒަންދޫކޮށްދާންޖެހުމާއި، އަދި އެކަންކަމަށް ހޭނުމަށް ކަނޑައަޅާ އިސްތިރާޖީތަކާ ބެހޭގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭ މަޝްވަރާތައް އިތުރަށް ކުރިއެރުވުމެވެ.

މީގެއިތުރުން، މި އަހަރުގެ ފޯރަމް ވެގެންދާނީ ގްލޯބަލް ކްލައިމެޓް މޮބިލިޓީ ޕްރިންސިޕަލްސް ނުވަތަ މޫސުމީ ހިޖުރަކުރުމާބެހޭ ބައިނަލްއަގުވާމީ އުސޫލުތައް ރަސްމީކޮށް ފާސްކުރާ ފޯރަމަށެވެ. މި މަތީ ފަންތީގެ އެއްބަސްވުމުން ބާރުއަޅަނީ، މީހުންގެ އަމިއްލަ މުޖުތަމައުތަކުގައި ދެމިތިބުމުގެ ހައްގު ހިމާޔަތްކޮށްދޭނެ ފަދަ ހޭނުމުގެ މަގުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށެވެ. އަދި ހަމައެހެންމެ، އެހެން ސަރަހައްދަކަށް ބަދަލުވާންޖެހޭ ހާލަތްތަކުގައިވެސް، އެކަން ކުރަންވާނީ އިންސާނީ ކަރާމާތް ހިފަހައްޓައިގެންކަން މި އުސޫލުތަކުގައި ކަށަވަރުކޮށްދެއެވެ. މީގެ އިތުރުން، މި ފޯރަމްގެ ތެރެއިން، މި އެއްބަސްވުންތައް، ޢަމަލީ ބައިވެރިވުމަކަށް ބަދަލުކޮށް، ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ މަގުޗާޓެއް އެކުލަވާލުމަށް މަގުފަހިކުރެވޭނެއެވެ.

މި ދަތުރުފުޅުގައި، ނައިބު ރައީސް، "ކްލައިމެޓް މޮބިލިޓީ ޕްރިންސިޕަލްސް" ގެ މަތީ ފަންތީގެ ބައްދަލުވުމުގައި ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކަނޑުގެ ލޮނގަނޑު އުފުލުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުގެ ތެރޭގައި ހައްގުތައް ހިމާޔަތްކުރުމާ ބެހޭގޮތުން ބާއްވާ މަތީ ފަންތީގެ ޕެނަލް ޑިސްކަޝަނެއްގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.