Last Updated: June 16, 20:09
Tuesday, June 16, 2026
ކުޅިވަރު

ސައުދީން އުރުގުއޭއާ އެއްވަރުކޮށްފި

ފީފާ ވޯލްޑް ކަޕްގައި މިރޭ ސައުދީ އަރަބިއްޔާ އާއި އުރުގުއޭ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.

އެމެރިކާގެ ހާޑްރޮކް ސްޓޭޑިއަމްގައި މިރޭ ކުޅުނު "ގްރޫޕު އެޗް"ގެ މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ސައުދީންނެވެ. މުސްއަބް އަލް ޖޫވޭރް ނަގައިދިން ކޯނަރަކުން ކަނޯ ބޮލުން ފޮނުވާލި ހަމަލާ އުރުގުއާއީ ކީޕަރު މުސްލޭރާ މަތަކުރުމާއެކު ލިބުނު ރީބައުސް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ސައުދީއަށް އެ ގޯލު ކާމިޔާބިކޮށްދިނީ އަލް އަމްރީ އެވެ.

މެޗުގެ ދެވަނަ ހާފް ޑޮމިނޭޓްކޮށްގެން އުރުގުއޭއިން ކުޅުނުއިރު، އެޓީމުން ފޮނުވާލި ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ސައުދީގެ ތަޖުރިބާކާރު ގޯލްކީޕަރު އަލް އޮވައިސް އެވެ.

ނަމަވެސް މެޗުގެ 80 ވަނަ މިނެޓުގައި އުރުގުއާއީ އިން ވަނީ ގޯލެއް ޖަހައި ނަތީޖާ އެއްވަރުކޮށްފަ އެވެ. ވީނިއާ ބޮލުން ފޮނުވާލި ހަމަލާއެއް، ސައުދީ ކީޕަރު އަލް އޮވައިސް މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން އުގުރުއާއީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ މެކްސިމިލިއާނޯ އަރައުހޯ އެވެ.

މި ގޯލަށްފަހު ވެސް އުރުގުއޭއިން ސައުދީގެ ފަހަތަށް ބާރުބޮޑުކުރި ނަމަވެސް އެޓީމަށް އިތުރު ގޯލެއް ކާމިޔާބުކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.

މި ގްރޫޕުގައި ދެން ހިމެނެނީ ޔޫރަޕް ޗެމްޕިއަން ސްޕެއިނާއި އަލަށް ވާދަކުރާ ކޭޕް ވާޑް އެވެ. އެ ދެ ޓީމުގެ މެޗު ނިމިގެންދިޔައީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.