Last Updated: June 16, 20:09
Tuesday, June 16, 2026
ކުޅިވަރު

އެންމެންގެ އިންތިޒާރު މެސީ ދަނޑުމަތިން ފެނުމަށް

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ދަނޑުމަތިން ފެނުމަށް އެންމެން ވެސް އިންތިޒާރުކުރާ ކަމަށް އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފި އެވެ.

އުމުރުން 38 އަހަރުގެ މެސީއަށް މިދިޔަ މަހު ކޮންމެވެސް ވަރެއްގެ އަނިޔާއެއްވިއިރު، އެ އަނިޔާއިން ރަނގަޅުވެ މެސީ ވަނީ މިދިޔަ ހަފްތާގައި އައިސްލޭންޑާއި ދެކޮޅަށް ކުޅުނު މެޗުގައި 20 މިނެޓް ކުޅެފަ އެވެ.

މިފަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އާޖެންޓީނާ އިން މާދަމާ އަލްޖީރިޔާއާ ދެކޮޅަށް ނިކުންނައިރު، ސްކަލޯނީ ބުނީ މެސީއަކީ މީހުންނަށް ވަރަށް ބޮޑު ނުފޫޒެއް ފޯރުވާ ކުޅުންތެރިއަކަށް ވާތީ، ހުރިހާ އެންމެން ވެސް މެސީ ދަނޑުމަތިން ފެންނަން ބޭނުންވާ ކަމަށެވެ. މެސީއަކީ އަބަދުވެސް ޓީމަށް ނުހަނު ބޭނުންތެރި ކުޅުންތެރިއެއް ކަމަށާއި، މިހާރު އޭނާގެ މުހިންމުކަން ކުރިއަށްވުރެ ވެސް ބޮޑު ކަމަށް ސްކަލޯނީ ބުންޏެވެ. އަދި މެސީ ހުރީ ވަރަށް ރަނގަޅު ފޯމެއްގައި ކަމަށް ވެސް އޭނާ ބުންޏެވެ.

"ކޮންމެ މީހަކުވެސް ބޭނުންވަނީ މެސީ ދަނޑުމަތީގައި ކުޅޭތަން ބަލަން. އޭނާއަކީ ހަމައެކަނި އާޖެންޓީނާ މީހުން ޝައުގުވެރިކުރުވާ މީހެއް ނޫން، އެންމެންވެސް އޭނާގެ ކުޅުމަށް އިންތިޒާރުކުރޭ،' ކޯޗު ބުންޏެވެ.

މާދަމާގެ މެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން ސްކަލޯނީ ބުނީ، މިދިޔަ ވޯލްޑް ކަޕްގެ ތަޖުރިބާ އާޖެންޓީނާ ޓީމުގައި އެބަހުރި ކަމަށާއި އެގޮތުން ފުރަތަމަ މެޗަކީ މުހިއްމު މެޗެއް ނަމަވެސް، ފުރަތަމަ މެޗުން ހުރިހާ ކަމެއް އަދި ނުނިމޭނެ ކަމަށެވެ. އަދި ޓީމު އޮތީ ވަރަށް ރަނގަޅު ހާލަތެއްގައި ކަމަށާއި، އަލްޖީރިއާ ޓީމަކީ މޮޅު ކުޅުންތެރިން ތިބި ވަރުގަދަ ޓީމެއް ކަމަށްވެސް ސްކަލޯނީ ބުންޏެވެ.

އާޖެންޓީނާ އާއި އަލްޖީރިއާ ބައްދަލުކުރާ މެޗު ފަށާނީ މާދަމާ ހެނދުނު ރާއްޖެގަޑިން 6 ޖަހާއިރު އެވެ.