ލޭ ހަދިޔާކުރާ މީހުންނަކީ ހާއްސަ ޝަރަފުވެރި ބައެއް ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ލޭ ހަދިޔާކުރައްވާ ފަރާތްތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅުދައްކަވަމުން ފަސްޓް ލޭޑީ ވިދާޅުވީ ލޭ ހަދިޔާކުރައްވާ ފަރާތްތަކުގެ ދުވަހެއް ފާހަގަކުރުމުގެ މުހިންމު ސަބަބުތަކެއްވާކަން ފާހަގަކުރައްވައި، ލޭ ހަދިޔާކުރައްވާ ބޭފުޅުންނަކީ އެއް ގޮތަށްވުރެ ގިނަ ގޮތުން ޚާއްޞަ ޝަރަފުވެރި ބައެއް ކަމަށެވެ.
އަދި ލޭ ހަދިޔާ ކުރައްވާ ބޭފުޅުންގެ ޝަރަފުގައި ޚާއްޞަ ދުވަހެއް ފާހަގަކުރެވޭ އެންމެ ޚާއްޞަ އެއް ސަބަބަކީ އެ މަތިވެރި އިންސާނީ ޞަދަޤާތަށް ހިތްވަރުދީ، އަނެކާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ޖާނުން ހޭދަވުމުގެ އިންސާނީ މަތިވެރި އަޚްލާޤު އާލާކޮށް، އިންސާނީ މުޖުތަމަޢުގައި ކުލުނާއި އިޙްތިރާމު އާލާކުރުންކަމުގައި ފާހަގަކުރައްވާ، މި އަގުހުރި ޚިދުމަތުގައި ދެމިތިއްބެވި ފަރާތްތަކަށް ޝުކުރުއަދާކުރެއްވި އެވެ. އަދި ލޭ ހަދިޔާކުރުމަށް ބިރުގަނެ، ފަސްޖެހޭ ފަރާތްތަކަށްވެސް އެކަމަނާ ވަނީ، އިންސާނިއްޔަތުކަމުގެ މި އަގުހުރި ޚިދުމަތުގެ ދަރުމަ ލިބިގަތުމަށް ހިތްވަރުދެއްވާފަ އެވެ.
މި ހަފްލާގައި، ދިގު މުއްދަތަކަށް ލޭ ހަދިޔާކުރައްވަމުން ގެންދަވާ ފަރާތްތަކާއި އަލަށް ލޭ ހަދިޔާ ކުރައްވަން ފެއްޓެވި އުމުރުން 18 އަހަރު ވީ ފަރާތްތަކާއި، ފާއިތުވި އަހަރު އެންމެ ގިނައިން ބްލަޑް ޑޮނޭޝަން ކޭމްޕް ބާއްވައި، ބްލަޑް ޑޮނޭޝަން ކޭމްޕްތަކުން އެންމެ ގިނައިން ލޭހަދިޔާ ކުރެއްވި ފަރާތަށް، ހަނދާނީ ލިޔުން އަދި ހަނދާނީ ފިލާ ހަވާލުކުރެއްވުން އޮތެވެ. އަދި ދިގު މުއްދަތަކަށް ލޭ ހަދިޔާކުރައްވަމުން ގެންދަވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ ގޯލްޑް އެވޯޑް މި ޙަފުލާގައި ހަވާލުކުރައްވާފައިވެއެވެ.
ހަމަމިއާއެކު، މިހާތަނަށް އެންމެ ގިނައިން ލޭހަދިޔާ ކުރައްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން، ލައިފްޓައިމް ކޮންޓްރިބިއުޝަން އެވޯޑް ހަވާލުކުރެއްވުން ވެސް އޮތެވެ.