ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕޭނުގައި ބައިވެރިވެ، އެ މަސައްކަތުގައި އުޅުނު 10 ވަރަކަށް މީހުން މިހާތަނަށް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އެ ދާއިރާގެ މެމްބަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަމުން ސޯބެ ވިދާޅުވީ އޭނާގެ އިންތިހާބަށް މަސައްކަތްކޮށްދިން ގާތްގަނޑަކަށް 10 ވަރަކަށް މީހުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށާއި އަދި ބައެއް މީހުން ސަސްޕެންޑްކޮށްފައިވާއިރު، ވަޒީފާތަކުން ވަކިކުރާނެ މީހުންގެ ދިގު ލިސްޓެއް ވެސް އެބައޮތް ކަމަށެވެ.
"އަޅުގަނޑުގެ އިންތިހާބުގައި އަޅުގަނޑާ އެކު އަޅުގަނޑަށް އެހީތެރިވެދޭން ނުކުމެ ތިބި އާއިލާގެ މީހުންނާއި ރައްޓެހިން، ނަތީޖާ ނުކުތްއިރު ވަކި ކޮށްފައި އޮތީ. އަދި އެއްގޮތަކަށް އަޅުގަނޑާ އެއްކޮށް ބައިވެރިނުވާ އެހެން ދާއިރާތަކުގެ މީހުން، އެހެން ދޭތެރެއަކުން ކޮފީއަކަށް އަރާލާ މީހުން، ފޮޓޯއެއް ދައްކާފައި ވަކި ކޮށްފައި އެއޮތީ،" ސޯބެ ވިދާޅުވި އެވެ.
ސޯބެ ވިދާޅުވީ ހަރަދު ކުޑަކުރުމުގެ ނަމުގައި އެ މީހުން ވަޒީފާއިން ވަކިކުރި ނަމަވެސް، އެއްވެސް މަސައްކަތެއް ނުކުރުވައި ގޭގައި ބައިތިއްބާފައި ތިބި މީހުން ހަމަ އެ ކުންފުނިތަކުގެ ވަޒީފާގައި އެބަ ތިބި ކަމަށެވެ. އަދި މީހުން ވަޒީފާއިން ވަކިކުރަމުންދަނީ ކުންފުނިތަކުގައި ހެދިފައިވާ އުސޫލުތަކާއި ވެސް ހިލާފަށް ކަމަށާއި މިއީ މަޑުމަޑުން ތިބެންޖެހޭ ވަރުގެ ކަންތައްތަކެއް ނޫން ކަމަށް ސޯބެ ވިދާޅުވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރޭގެ ޖަލްސާގައި ވަނީ މިފަދަ ކަންކަމާ ދެކޮޅަށް އަންނަ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި މުޒާހަރާކުރަން ގަރާރެއް ފާސްކޮށްފަ އެވެ.