މުޙައްރަމް މަހަކީ މަތިވެރިވެގެންވާ، ބަރަކާތްތެރި މަހެކެވެ. އެއީ ހިޖުރީ ކަލަންޑަރުގެ ފުރަތަމަ މަހުގެ އިތުރުން، މާތް ﷲ ޙުރުމަތްތެރި ކުރައްވައިފައިވާ ހަތަރު މަހުގެ ތެރެއިން މަހެކެވެ. މާތް ﷲ ވަޙީކުރައްވައިފައިވެ އެވެ.
﴿إِنَّ عِدَّةَ الشُّهُورِ عِندَ اللَّهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّهِ يَوْمَ خَلَقَ السَّمَاوَاتِ وَالْأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ ۚ ذَٰلِكَ الدِّينُ الْقَيِّمُ ۚ فَلَا تَظْلِمُوا فِيهِنَّ أَنفُسَكُمْ﴾ (سورة التوبة 36)
މާނައީ: "ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވި ދުވަހުއްސުރެން، اللَّه ކަނޑައަޅުއްވާފައިވާ ގޮތުގައި (އަހަރެއްގެ) މައްސަރުތަކުގެ عدد އަކީ، اللَّه ގެ حضرة ގައި ބާރަ މަހެވެ. އޭގެތެރެއިން، ހަތަރު މަސް، حرمة ތެރި ވެގެންވެއެވެ. އެއީ حق ތެދު دين އެވެ. ފަހެ، އެ މައްސަރުތަކުގައި، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް ތިޔަބައިމީހުން އަނިޔާ ނުކުރާހުށިކަމެވެ!"
އަދި أَبِي بَكْرَةَ رَضِيَ اللَّهُ عَنْهُ ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. (.. السَّنَةُ اثْنَا عَشَرَ شَهْرًا مِنْهَا أَرْبَعَةٌ حُرُمٌ ثَلَاثَةٌ مُتَوَالِيَاتٌ ذُو الْقَعْدَةِ وَذُو الْحِجَّةِ وَالْمُحَرَّمُ، وَرَجَبُ مُضَرَ الَّذِي بَيْنَ جُمَادَى وَشَعْبَانَ) (رواه البخاري 2958)
މާނައީ: "… އަހަރުގެ ބާރަ މަސްވެއެވެ. އޭގެ ތެރެއިން ހަތަރު މަހަކީ ޙުރުމަތްތެރިވެގެންވާ މަސްތަކެވެ. ތިން މަސް ވަނީ ވިދިވިދިގެންނެވެ. އެއީ ޛުލްޤަޢިދާ މަހާއި، ޛުލްޙިއްޖާ މަހާއި އަދި މުޙައްރަމް މަހެވެ. އަދި ޖުމާދަލް އާޚިރާ އާއި ޝަޢުބާން މަހާ ދެމެދުގައިވާ މުޟަރުގެ ރަޖަބު މަހެވެ."
މުޙައްރަމް މަހަށް އެ ނަން ދެވުނީ ކީއްވެ؟
މުޙައްރަމް މަހަށް އެ ނަން ދެވިފައިވަނީ އެއީ ޙުރުމަތްތެރިވެގެންވާ މަހަކަށްވާތީއެވެ. އަދި އެ މަހުގެ ޙުރުމަތްތެރިކަން އިތުރަށް ކަށަވަރުކޮށްދިނުމަށެވެ. މާތް ﷲގެ ވަޙީބަސްފުޅު ﴿فَلَا تَظْلِمُوا فِيهِنَّ أَنفُسَكُمْ﴾ (سورة التوبة 36) މާނައީ: "ފަހެ، އެ މައްސަރުތަކުގައި، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް ތިޔަބައިމީހުން އަނިޔާ ނުކުރާހުށިކަމެވެ!" މާނައީ، މި ޙުރުމަތްތެރިވެގެންވާ މަސްތަކުގައި ފާފަކުރުމުގެ ނުބައިކަން އެހެން މަސްތަކަށްވުރެ ބޮޑުވެގެންވާ ކަމެވެ.
ابن عباس رضى الله عنه މި އާޔަތާ ބެހޭގޮތުން ވިދާޅުވިއެވެ. "މި ހުރިހާ މަސްތަކެއްގައިވެސް އަނިޔާވެރިވުން މަނާވެގެންވެއެވެ. ނަމަވެސް، މީގެ ތެރެއިން ހަތަރު މަހެއް މާތްﷲ ޚާއްޞަކުރައްވައި، އެ މަސްތަކުގެ ޙުރުމަތްތެރިކަން މަތިވެރިކުރެއްވިއެވެ. އެ މަސްތަކުގައި ކުރެވޭ ފާފަ އެހެން މަސްތަކަށްވުރެ ބޮޑުކުރައްވައި، އެ މަސްތަކުގައި ކުރެވޭ ހެޔޮ އަމަލާއި އޭގެ ދަރުމަވެސް އިތުރުކުރެއްވިއެވެ." ޤަތާދާ ރަޙިމަހުﷲ ވިދާޅުވިއެވެ. "ޙުރުމަތްތެރިވެގެންވާ މަސްތަކުގައި ކުރެވޭ އަނިޔާވެރިކަމުގެ ފާފަ އެހެން މަސްތަކަށްވުރެ ބޮޑެވެ. ކޮންމެ ޙާލެއްގައިވެސް އަނިޔާވެރިވުމަކީ ބޮޑު ފާފައެއް ނަމަވެސް، މާތްﷲ އެކަލާނގެ އިރާދަކުރައްވާ ކަންތައްތަކެއްގެ މަތިވެރިކަން ބޮޑުކުރައްވައެވެ."
އިބްނު ކަޘީރުގެ ތަފްސީރުގައިވާ ގޮތުން، މާތްﷲ އެކަލާނގެ މަޚްލޫޤުންގެ ތެރެއިން އެންމެ މާތް ތަކެތި ހޮއްވެވިއެވެ. މަލާއިކަތުންގެ ތެރެއިންނާއި އިންސާނުންގެ ތެރެއިން ރަސޫލުން ހޮއްވެވިއެވެ.
ވާހަކަތަކުގެ ތެރެއިން ޛިކުރުކުރުން، ބިމުގެ ތެރެއިން މިސްކިތްތައް، މަސްތަކުގެ ތެރެއިން ރަމަޟާން މަހާއި ޙުރުމަތްތެރި މަސްތައް، ދުވަސްތަކުގެ ތެރެއިން ހުކުރު ދުވަސް، އަދި ރޭތަކުގެ ތެރެއިން ލައިލަތުލްޤަދްރި ވިލޭރޭ ހޮއްވެވިއެވެ. އެހެންކަމުން، މާތްﷲ މަތިވެރިކުރެއްވި ކަންތައްތަކަށް ތިޔަބައިމީހުންވެސް މަތިވެރިކޮށް އިޙްތިރާމްކުރާށެވެ.
މުޙައްރަމް މަހުގައި ސުންނަތް ރޯދަ ހިފުމުގެ މާތްކަން:
أبو هريرة رضى الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. (أَفْضَلُ الصِّيَامِ بَعْدَ رَمَضَانَ شَهْرُ اللَّهِ الْمُحَرَّمُ ) (رواه مسلم 1982) މާނައީ: "ރަމަޟާން މަހަށްފަހު އެންމެ މާތްވެގެންވާ ރޯދައަކީ، ﷲގެ މައްސަރު ކަމުގައިވާ މުޙައްރަމް މަހުގެ ރޯދައެވެ."
މި ޙަދީޘްގައި "ﷲގެ މައްސަރު" މިފަދައިން ނަންގަނެވިފައި ވަނީ އެ މަހުގެ މަތިވެރިކަން ހާމަކުރުމަށެވެ. މުއްލާ ޢަލީ އަލްޤާރީ ވިދާޅުވާ ގޮތުގައި، މީގެ މުރާދަކީ މުޅި މުޙައްރަމް މަހެވެ. ނަމަވެސް، ރަސޫލާ صلى الله عليه وسلم ރަމަޟާން މަސް ފިޔަވައި އެހެން އެއްވެސް މަހެއްގައި މުޅި މަސް އެއްކޮށް ރޯދަ ނުހިއްޕަވާކަން ސާބިތުވާތީ، މި ޙަދީޘުން ދޭހަވަނީ މުޙައްރަމް މަހުގެ ގިނަ ދުވަސްތަކެއްގައި ރޯދަ ހިފުމަށް ހިތްވަރު ދިނުމެވެ.
ﷲ އިރާދަކުރައްވާ ވަގުތަކާއި ތަނެއް މަތިވެރިކުރައްވައެވެ.
الْعِزُّ بْنُ عَبْدِ السَّلَامِ رحمه الله ވިދާޅުވިއެވެ. "ތަންތަނާއި ވަގުތުތަކުގެ މާތްކަން ދެ ބަޔަކަށް ބެހިގެންވެއެވެ. ފުރަތަމައީ ދުނިޔޭގެ ގޮތުންނެވެ. ދެވަނައީ ދީނީ ގޮތުންނެވެ. އެއީ މާތްﷲ އެކަލާނގެ އަޅުތަކުންނަށް ދެއްވާ ދީލަތިކަމެއްގެ ގޮތުން، އެ ވަގުތުތަކުގައި ކުރާ އަމަލުތަކުގެ ދަރުމަ އިތުރުކުރެއްވުމެވެ. މިސާލަކަށް އެހެން މަސްތަކަށްވުރެ ރަމަޟާން މަހުގެ ރޯދަ މަތިވެރިކުރެއްވުމާއި، ޢާޝޫރާ ދުވަހުގެ ރޯދަ މަތިވެރިކުރެއްވުމެވެ. މި ކަންކަމުގެ މާތްކަން ގުޅިފައިވަނީ މާތްﷲ އެކަލާނގެ އަޅުތަކުންނަށް އެ ދުވަސްތަކުގައި ދެއްވާ ދީލަތިކަމާއި އިޙްސާންތެރިކަމާއެވެ."
ނޯޓް: މިއީ ޑރ. މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.