ސަރުކާރުގެ ބޭސް ކުންފުންނަށް އިންޓާނުން ހޯދަން އިއުލާންކޮށްފި އެވެ.
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނުން ބުނީ މާލެ ސަރަހައްދުގައި ފުލްޓައިމްކޮށް މަސައްކަތް ކުރާނެ 15 އިންޓާނުން ބޭނުންވާ ކަމަށެވެ.
އެހެންވެ އެ ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު މާދަމާ މެންދުރު 12:00 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ބޭސް ކުންފުނިން ބުނީ އިންޓާނުންގެ ގޮތުގައި މަސައްކަތްކުރާ މީހުންނަށް މަސައްކަތްކުރާ ކޮންމެ ދުވަހަކަށް 265ރ. ގެ އެލަވަންސެއް ލިބޭނެ ކަމަށެވެ.
އިންޓާނުން ހޯދަން އިއުލާން ކުރުމުގެ އިތުރަށް ބޭސް ކުންފުނީގެ ކަސްޓަމާ ސާވިސް ޑިވިޝަނަށް މެނޭޖަރަކު ހޯދަން ވެސް ވަނީ އިއުލާންކޮށްފަ އެވެ. އެ މަގާމުގެ މުސާރަ އުޅެނީ 26,500-30,500ރ. އާ ދެމެދުގަ އެވެ.
މެނޭޖަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 21 އާ ހަމައަށެވެ.