އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި، މިތުން ޗަކްރަބަތީގެ އަންހެން ދަރިފުޅު ޑިޝާނީ ޗަކްރަބަތީ އެމެރިކާގެ މީހަކާ އެންގޭޖްވެއްޖެ އެވެ.
އެެމެރިކާގެ ކެލިފޯނިއާގައި ދިރިއުޅެމުން އަންނަ ޑިޝާނީ، 29، އެންގޭޖްވީ މައިލްޒް މަންޒާރިސް ކިޔާ މީހަކާ ކެމެރާމޭންއަކާ އެވެ. އެ މީހުންގެ އެންގޭޖްމަންޓްގެ ފޮޓޯތަކެއް އިއްޔެ އިންސްޓަގްރާމްގައި ހިއްސާކޮށް، ކައިވެނި ކުރާނެ ކަމަށް ބެލެވޭ ތާރީހު ވެސް ކެޕްޝަންގައި ހިމަނާފައިވެ އެވެ. އެއީ ޑިސެމްބަރު 6 އެވެ.
ޑިޝާނާ އަކީ މިތުންގެ ހަތަރު ކުދިންގެ ތެރެއިން ހަމައެކަނި އަންހެން ދަރިފުޅެވެ. އެކަމަކު އޭނަ އަކީ އެޑޮޕްޓްކުރި ކުއްޖެކެވެ. މިތުން، 75، އާއި ކުރީގެ ބަތަލާ ޔޮގީތާ ބާލީ، 73، ގެ ތިބެނީ އުފަން ތިން ފިރިހެން ކުދިންނެވެ. އެއީ އެކްޓަރުންގެ ގޮތުގައި މަސައްކަތްކުރާ މަހާކްޝޭ ޗަކްރަބަތީ (މިމޯ) އާއި ނަމާޝީ ޗަކްރަބަތީ، 32، ގެ އިތުރުން އުޝްމޭ ޗަކްރަބަތީ، 36، އެވެ.
މިތުންގެ އަންހެން ދަރިފުޅު ޑިޝާނީ ކައިވެންޏަށް ތައްޔާރުވަމުން އަންނަ އިރު، ދޮށީ ފިރިހެން ދަރިފުޅު މިމޯ، 41، އުޅެނީ ކައިވެނިކޮށްގެންނެވެ. އޭނަގެ އަންހެނުންނަކީ ބަތަލާއެެއް ކަމަށްވާ މަދަލްޝާ ޝަރުމާ އެވެ. އެ ދެ މީހުން ކައިވެނިކުރީ 2018 ގަ އެވެ.
މަދަލްސާ އަކީ ސްޓާ ޕްލަސްގެ މަގުބޫލު ސިލްސިލާ 'އަނޫޕަމާ' ގައި ކުރިން ކާވިއާގެ ރޯލު ކުޅުނު ބަތަލާ އެވެ. މިދިޔަ އަހަރު ރިލީޒްކުރި އަދި ކާސްޓްގައި މިތުން ވެސް ހިމެނޭ ފިލްމު 'ދަ ބެންގާލް ފައިލްސް' ގެ ރޯލެއް ވެސް އޭނަ ކުޅެފައިވެ އެވެ. މިމޯ އަކީ މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ޑައިރެކްޓަރު ވިކްރަމް ބަޓްގެ ބިރުވެރި ފިލްމު 'ހޯންޓެޑް 3ޑީ: އެކޯސް އޮފް ދަ ޕާސްޓް' ގެ ބަތަލެވެ.
ޑިޝާނީ އަކީ ނިއު ޔޯކް ފިލްމު އެކަޑަމީގެ އިތުރުން އެމެރިކާގެ ސްޓަރަސްބާ ތިއޭޓާ އެންޑް ފިލްމު އިންސްޓިޓިއުން ކިޔަވާފައިވާ ޒުވާނެކެވެ.