Last Updated: June 19, 06:09
Friday, June 19, 2026
ޚަބަރު

ދުވަސްވީ މީހުންނަށް ކުރާ އަނިޔާ އިތުރު: މިނިސްޓްރީ

އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު ކަންބޮޑުވާ މިންވަރަށް އިތުރު ކަމަށް ޢާއިލާއާ ބެހޭ މިނިސްޓްރީން ބުނެފި އެވެ.

އިއްޔެ ފާހަގަކުރި މި އަހަރުގެ އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހާ ގުޅިގެން މިނިސްޓްރީން ބުނީ މިދިޔަ އަހަރު އެހީތެރިކަމާއި ރައްކާތެރިކަމަށް އެދި ޖުމުލަ 34 މައްސަލައެއް ހުށަހެޅުނު ކަމަށެވެ. އޭގެ އިތުރުން އެކި ބާވަތުގެ އަނިޔާގެ ޖުމުލަ 58 މައްސަލައެއް އެ އަހަރުގެ ތެރޭގައި ރިޕޯޓުކޮށްފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އާއިލާއާ ބެހޭ މިނިސްޓްރީން ބުނީ އިސްރަށްވެހިންނަށް ކުރާ އަނިޔާގެ ތެރޭގައި ޖިސްމާނީ ނަފްސާނީ މާލީ އަދި ޖިންސީ އަނިޔާގެ އިތުރުން އިހުމާލުވުމާއި ބާކީކޮށްލުން ފަދަ ކަންކަން ހިމެނޭ ކަމަށެވެ. އަދި މިފަދަ ގިނަ މައްސަލަތައް މުޖުތަމަޢަށް ސިއްރުވެފައި އޮތުމަކީ މި ކަމުގައި އޮތް އެންމެ ބޮޑު ގޮންޖެހުން ވެސް މިނިސްޓްރީން ބުންޏެވެ.

އެހެންވެ މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ޤާނޫނީ ރައްކާތެރިކަން ވަރުގަދަ ކުރުމާއި މައްސަލަ ރިޕޯޓް ކުރެވޭނެ ފަސޭހަ ނިޒާމުތައް ޤާއިމުކުރުމާއި އަޅާލާ މީހުންނާއި ޞިއްޙީ ޚިދުމަތްތެރިންނަށް ފަންނީ ތަމްރީނު ދިނުމުގެ މުހިންމުކަން ބޮޑު ކަމަށް މިނިސްޓްރީން ބުންޏެވެ.