Last Updated: June 16, 20:09
Tuesday, June 16, 2026
ރިޕޯޓް

ޤައުމީ ޝިޢާރުތައް ސިޔާސީ ހަތިރާޔަރަކަށްވެގެން ނުވާނެ!

"ދިވެހީންގެ ރާއްޖެ" (ދިވެހީންގެ ޤައުމު) މި ޢިބާރާތަކީ، އޭގެ ޒާތުގައި، ފުޅާ އަދި މާނަހުރި އިބާރާތެކެވެ. އަދި އެއީ ސިޔާސީ ކެމްޕޭންތަކުގައި ބޭނުންކުރާ ހަމައެކަނި ޝިއާރަކަށް ހަނިކުރެވިގެން ނުވާނެއެވެ. އަމުދުން އެއީ ވަކި ސިޔާސީ ފިކުރަކަށް ތާއީދުކުރާ މީހުންގެ ޚާއްޞަ މިލްކަކަށް ވެސް ވެގެން ނުވާނެ އެވެ. މި ޢިބާރާތަކީ މުޅި ދިވެހި އުއްމަތުގެ މުސްތަޤްބަލާއި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ އުންމީދުތައް ތަމްސީލުކުރާ ޢިބާރާތެކެވެ.

ދުނިޔޭގައި ސިޔާސީ ގޮތުން ތަފާތު އެތައް ޢަޤީދާތަކެއް ގެންގުޅެއެވެ. ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލާއިރު، ތަފާތު ފިކުރުތަކަށް ވަކާލާތުކުރާ ސިޔާސީ ޕާޓީތަކާއި ތަފާތު މައްސަލަތަކުގައި ވާހަކަ ދައްކާ ޖަމާޢަތްތައް އެބަހުއްޓެވެ. އެހެނަސް މިހުރިހާ ފަރާތްތަކަކީ ވެސް ދިވެހިންނެވެ. "ދިވެހީންގެ ރާއްޖެ" ނިސްބަތްވަނީ މިރާއްޖޭގެ ހުރިހާ ރައްޔިތުންނަށެވެ. އެހެންކަމުން ވަކި ސިޔާސީ ނަޒަރިއްޔާތަކަށް ތާއީދުކުރާ މީހުން އެފަދަ ޢިބާރާތަކީ އެމީހުންގެ ޚާއްޞަ ޝިޢާރެއްގެ ގޮތުގައި ދަޢުވާކުރުމުން، އެއީ އެހެން ފިކުރުތަކުގެ މީހުންގެ ވިސްނުމަށް "ޑިކްޓޭޓް" ކުރުން ނުވަތަ އެހެން މީހުންގެ ދިވެހިވަންތަކަމަށް ބަސްބުނުން ކަމުގައި ބެލެވޭނެ ޖާގަ އޮންނާނެއެވެ.

ކުރިން ސިޔާސީ ޕާޓީތަކުން ބޭނުންކުރި އަދި ރާއްޖޭގެ ޖިއޮގުރަފީއާއި ނާޒުކު ގުދުރަތީ މާހައުލަށް އިޝާރާތްކުރެވޭ "ޖަޒީރާ ރާއްޖެ" ފަދަ ޝިއާރުތަކާ ހިލާފަށް "ދިވެހީންގެރާއްޖެ" އިން ދޭހަވަނީ ސީދާ މިގައުމުގެ މިލްކުވެރި އަދި މިގައުމަށް ނިސްބަތްވާ ރައްޔިތުންނަށެވެ. ވަކި ސިޔާސީ ޕާޓީއަކަށް ނުވަތަ ވަކި ފިކުރަކަށް ތާއީދު ނުކުރާތީ ދިވެހި ރައްޔިތަކަށް ވުމުގެ ޙައްގު ނިގުޅައެއް ނުގެވޭނެ އެވެ. މި ޤައުމު އަބަދުވެސް ދެމިއޮންނާނީ ހަމަހަމަ ގޮތެއްގައި ހުރިހާ ދިވެހީންގެ ޤައުމެއްގެ ގޮތުގަ އެވެ.

ވަކި ޖަމާއަތަކަށް ސިޔާސީ ހަތިޔާރަކަށް ވުމުގެ ބަދަލުގައި "ދިވެހީންގެރާއްޖެ" ވާންޖެހޭނީ ހުރިހާ ދިވެހީން ވެސް ބަލައިގަންނަ ގައުމީ އުންމީދަކަށެވެ. މިޤައުމުގެ ކޮންމެ ރައްޔިތަކީ ވެސް ޤައުމުގެ މުސްތަޤްބަލުގައި ހަމަހަމަ މިލްކުވެރިއެކެވެ. އެހެންކަމުން ޤައުމީ ޝިޢާރުތައް ސިޔާސީ ކޯޅުންތަކުގެ ވަސީލަތެއްގެ ގޮތުގައި ބޭނުން ކުރުމަކީ ހިތާމަހުރި ކަމެކެވެ. ޤައުމީ ލޯތްބަކީ ސިޔާސީ ފިއްތުންތަކުގެ ތެރެއިން އެއްވެސް ރައްޔިތަކަށް ލާޒިމު ކުރެވޭނެ އެއްޗެއް ނޫނެވެ. އެއްވެސް ސިޔާސީ ޕާޓީއަކުން، ފިކުރަކުން، ޖަމާޢަތަކުން ވިޔަސް ޤައުމިއްޔަތު މޮނޮޕޮލީ ކުރަން މަސައްކަތްކޮށްގެން ނުވާނެއެވެ.

ސިޔާސީ ޢަޤީދާތަކާއި، ބަހާއި، އިޖުތިމާޢީ ފަސްގަނޑާއި، އަދި އެނޫންވެސް ތަފާތުތަކަށް ބެލުމެއްނެތި ޤައުމަކީ ކޮންމެ ރައްޔިތަކަށް ހަމަހަމަ ގޮތެއްގައި ނިސްބަތްވާ ތަނެކެވެ.

ގައުމީ ޝިއާރުތަކަކީ ކޮންމެ ރައްޔިތަކުވެސް ފަޚުރުވެރިކަމާއެކު ބަލައިގަންނާނެ އެއްޗަކަށް ވާންޖެހެއެވެ. އެއީ ވަކި ބައެއްގެ އެދުންތަކަށް ތަބާވުމަށް މީހުންނަށް މަޖުބޫރު ކުރުމަށް ބޭނުންކުރާ ވަސީލަތެއް ނޫނެވެ. ޤައުމީ ޝިޢާރުތަކަކީ މުޅި ޤައުމުން ހިއްސާކުރާ އަގުތަކާއި، އުންމީދުތަކެވެ. ކޮންމެ ރައްޔިތަކީވެސް ޤައުމީ ދަތުރުގައި ހަމަހަމަ ބައިވެރިއެކެވެ. އެގޮތުން ރައްޔިތުކަމާއި އެކު ލިބޭ ހައްގުތަކާއި މަސްއޫލިއްޔަތުތަކާއި ފުރުޞަތުތައް ނިސްބަތްވާން ޖެހޭނީ އެންމެހައި ރައްޔިތުންނަށެވެ.

ހަގީގީ ޤައުމީ ޝިޢާރުތަކަކީ އެއްވެސް ޙާލެއްގައި ރައްޔިތުން އެކަކު އަނެކަކާއި ވަކިކުރާ ރޮނގުތަކަކަށް ވެގެން ނުވާނެއެވެ. އޭގެ ބަދަލުގައި އެއީ އެއްބައިވަންތަ ބާރުތަކެއްގެ ގޮތުގައި މީހުން އެއްކުރާ ބާރެއްގެ ގޮތުގައި ހިދުމަތް ކުރަން ޖެހޭ އެއްޗެކެވެ. އެފަދަ ޝިޢާރުތަކުގެ މަޤްޞަދަކީ ޤައުމީ އައިޑެންޓިޓީ ހަރުދަނާކޮށް، އެކަކު އަނެކަކަށް އިޙްތިރާމް ކުރުމަށް ހިތްވަރުދީ، ރައްޔިތުންގެ އިހްސާސްތަކާއި ގައުމީ އަގުތައް ގުޅުވައި ދިނުމެވެ.