މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) ދޭ މި އަހަރުގެސްކޮލަރޝިޕްތަކަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.
މާސްޓާސް އަދި ޕީއެޗްޑީ ފެންވަރަށް ކިޔަވަންދޭ މި ސްކޮލަޝިޕް ސްކީމްގެ ދަށުން ކޯސް ފުރިހަމަކުރާ ދަރިވަރުން، ތަޢުލީމު ހާސިލުކޮށް ނިމުމަށް ފަހު ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ރާއްޖެ އަށް ޚިދުމަތް ކުރުމަށް ބޮންޑު ކުރެވޭނެ އެވެ.
މި ފަހަރު ހުޅުވާލެވިފައިވާ ސްކޮލަޝިޕްތަކުގެ ތެރޭގައި ހިމެނެނީ މެލޭޝިއާގެ ތިން ޔުނިވަސިޓީއަކުން ކިޔެވުމަށް ކަނޑައަޅާފައިވާ ޖާގަތަކެކެވެ. އެގޮތުން، ސެލަންގޯ އިސްލާމިކް ޔުނިވަސިޓީން ބެޗްލަ އޮފް އެކައުންޓިން ފުރިހަމަ ކުރުމަށާއި، އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން މާސްޓަރއޮފް ލޯސް އަދި މާސްޓަ އޮފް އިކޮނޮމިކްސް ކިޔެވުމުގެ ފުރުޞަތު ވަނީ ފަހިކޮށް ދީފަ އެވެ.
މީގެ އިތުރުން، އިންސީފް ޔުނިވަސިޓީން ޕީއެޗްޑީ އަށް ކިޔެވުމަށް ވެސް ފުރުޞަތު ހުޅުވާލާފައިވާއިރު، އޭގެ ތެރޭގައި އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ކޯސްވޯކް، ޑެޒަޓޭޝަން އަދި ރިސާޗް ހެދުމާއި، އެޕްލައިޑް މުޢާމަލާތުގެ ދާއިރާއިން ކުރިއަށްދިއުން ހިމެނެ އެވެ.
މި ސްކޮލަރޝިޕްތަކަށް ހޮވޭ ދަރިވަރުންނަށް ކޯހުގެ ޓިއުޝަން ފީއާއި ޔުނިވަސިޓީއަށް ދައްކަން ޖެހޭ އެހެނިހެން ފީތަކުގެ އިތުރުން ގިނަ އިނާޔަތްތަކެއް ދޭނީ މަރުކަޒީ ބޭންކުންނެވެ. އޭގެ ތެރޭގައި ދިރިއުޅުމުގެ ޚަރަދާއި، ފޮތް ގަތުމަށް ދެވޭ އެލަވަންސާއި، އެސްޓެބްލިޝްމަންޓް އަދި ޑިޕާޗަރ އެލަވަންސް ވެސް ހިމެނެ އެވެ. އަދި ހަމައެހެންމެ، ވިސާ ހޯދުމަށް ހިނގާނެ ޚަރަދާއި ޞިއްޙީ އިންޝުއަރެންސްގެ ކަންކަން ވެސް އެމްއެމްއޭއިން ހަމަޖައްސައި ދޭނެ އެވެ.
ސްކޮލަޝިޕްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 30 ގެ މެންދުރު ފަހު 2:00ގެ އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.