ރާއްޖޭގެ އިސްލާމީ ދާއިރާއަށް މި އަހަރު ގިނަ ކުރިއެރުންތަކެއް އަންނާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިއަދު އާ އަހަރާ ކުރިމަތިލުމާ ގުޅިގެން ސޯޝަލް މީޑިއާގައި އޭނަ ކުރެއްވި ޕޯސްޓެއްގައި ވަނީ މި އަހަރަކީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ އަހަރުކަން ވެސް ފާހަގަ ކުރައްވައިފަ އެވެ.
ޝަހީމު ވިދާޅުވީ ހިޖުރީ ސަނަތުން 1448 ވަނަ އަހަރު ފެށިގެންދާ އިރު، މި އަހަރަކީ ރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ފާހަގަތި އަހަރަކަށް ވެގެންދާނެ ކަމަށެވެ. އެގޮތުންޒުވާން ޚަޠީބުންގެ ޢަދަދު 1،000 އަށް އަރައި ޙާފިޒުންގެ ޢަދަދު 350 އަށް ގާތްކުރާނެ ކަމަށް ވިދާޅުވި އެވެ.
އަދި ރާއްޖޭގައި ކުރިައަށް ގެންދާ ބިޔަ ބޮޑު ވަޤުފު ބިނާތައް ވެސް މި އަހަރު ނިމި ވަޤުފު ފަންޑާއި ޒަކާތު ފަންޑު އިތުރުވެ ފަށާފައިވާ އިސްލާމީ މަރުކަޒުތަކުގެ މަސައްކަތް ވެސް މި އަހަރު ނިމެންގާތް ވާނެ. ކަމަށް ވިދާޅުވި އެވެ މިނިސްޓަރު ވިދާޅުވީ އުންމީދަކީ ހުޅުމާލެގައި ބިނާކުރެވޭ ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ޢަމަލީ މަސައްކަތް ވެސް އަތޮޅުތަކާއި ހުޅުމާލެގައި ބިނާކުރަމުން އަންނަ ގިނަ މިސްކިތްތަކެއް ވެސް މި އަހަރު ނިމި ހުޅުވުން ކަމަށެވެ.
"މި ނޫނަސް ގިނަ ކުރިއެރުންތަކެއް މި އަހަރު އިސްލާމީ ދާއިރާއަށް އަންނާނެ. އަދި 1448 ވަނަ އަހަރަކީ ރާއްޖެ އިސްލާމީ ހިދާޔަތުގެ ޤަބޫލުކުރިތާ 900 އަހަރުވާ އަހަރު ކަމުން، ކުރިއަށް އޮތް އިސްލާމީ ޤަރުނަށް ރާއްޖޭގެ އިސްލާމީ ޙަޟާރަތުގެ އަސާސްތައް ވަރުގަދަ ކުރުމުގެ ހަރުދަނާ ބިންގާތަކެއް އެޅިގެންދާނެ އަހަރު،" ޝަހީމު ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ޢަޒުމަކީ ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ދަމަހައްޓާނެ ހަރުދަނާ ޖީލަކާއި ވަރުގަދަ އިސްލާމީ ޢުމްރާނީ ކުރިއެރުން ގެނައުން. މާތް ﷲ ތައުފީޤު ދެއްވާށި."