Last Updated: June 16, 20:09
Tuesday, June 16, 2026
ޚަބަރު

އަހަރުގެ މިހާތަނަށް ސޮވެރިން ފަންޑަށް ބިލިއަނެއް

އަހަރުގެ މިހާތަނަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް، (އެސްޑީއެފް) އަށް ޖަމާކުރި ފައިސާގެ އަދަދު ބިލިއަނަކަށް އަރާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެންމެ އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ރިޕޯޓްގައިވާ ގޮތުން ޖެނުއަރީން ފެށިގެން މި މަހުގެ 4 ގެ ނިޔަލަށް ސްޑީއެފަށް ޖުމްލަ އެއް ބިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޖަމާކޮށްފައިވާ އަދަދާ ބަލާ އިރު، 10 ޕަސެންޓްގެ އިތުރުވުމެކެވެ. މިދިޔަ އަހަރު މި މުއްދަތުހައި ޖަމާކޮށްފައި ވަނީ، 934 މިލިއަން ރުފިޔާ އެވެ.

ސޮވެރިން ފަންޑަށް އެއް ބިލިއަން ރުފިޔާ ޖަމާކޮށްފައިވާއިރު، ދަރަނި ދެއްކުމަށް ކުރި ހޭދަވެސް މި މުއްދަތުގެ ތެރޭގައި އިތުރެވެ. އެގޮތުން ދަޢުލަތުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް މި އަހަރުގެ މިހާތަނަށް 8.7 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވާ އިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނުތައް އަނބުރާ ދެއްކުމަށް ޚަރަދުކުރި އަދަދާ އަޅާބަލާއިރު%178 އިތުރު އަދަދެކެވެ.

މިިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނު ދެއްކުމަށް ހޭދަކުރީ 3.1 ބިލިއަން ރުފިޔާއެވެ.

ސޮވެރިން ފަންޑަކީ، ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަންކަމަށް އަދި ތަރައްޤީގެ ތަފާތު މަޝްރޫޢުތައް ހިންގުމަށް ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމަށާއި، އިޤްތިޞާދަށް އައިސްދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް ސަރުކާރުން އުފައްދާފައިވާ ފަންޑެކެވެ.

މި ފަންޑް ގާއިމުކުރީ 2016 ގަ އެވެ.

ސޮވެރިން ފަންޑަށް ދަޢުލަތަށް ލިބޭ އާމްދަނީގެ ތެރެއިން ތިން ދިމާލަކުން އަންނަ ފައިސާ އެއްކޮށް އެ ފަންޑަށް ޖަމާކުރެ އެވެ. އެއީ އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަމުން އަންނަ، އެމްއޭސީއެލްގެ ހިއްސާގެ ފައިދާއިން ދައްކާ ޑިވިޑެންޑް އަދި އެއާޕޯޓުގެ ބައެއް ޚިދުމަތްތަކުގެ ފީތައް ބޮޑުކޮށްގެން އިތުރަށް ލިބޭ އާމްދަނީ އެވެ.