ބޮލީވުޑްގެ އެކްޓަރު ކުނާލް ކޭމޫ ހޯސްޓްކުރާ ރިއަލިޓީ ޝޯއެއް އެމެޒޯން ޕްރައިމް ވީޑިއޯ އިން މި މަހު ޕްރީމިއާ ކުރަން ތައްޔާރުވެއްޖެ އެވެ.
މި މަހުގެ 26 އިން ފެށިގެން ކޮންމެ ދުވަހަކު އެޕިސޯޑެއް ގެނެސްދޭ ގޮތަށް ކުރިއަށް ގެންދާ މި ޝޯގެ ނަމަކި 'އެލަޔަންސް' އެވެ. މި ޝޯ އަކީ އެމެޒޯން ޕްރައިމުން މުޅިން އަލަށް ކޮންމެ ދުވަހަކު އާ އެޕިސޯޑެއް ގެނެސްދޭ ގޮތަށް ބެލުންތެރިންނަށް ދޫކޮށްލާ ފުރަތަމަ ޝޯ އެވެ.
ތަފާތު ގޭމްތަކާ އެކު ގިނަ ބައިވެރިންތަކެއް ވާދަކުރާ ގޮތަށް ގޮތަށް ގެނެސްދޭ 'އެލަޔަންސް' އަކީ ކުނާލް ހޯސްޓްކުރާ ފުރަތަމަ ޝޯ ވެސް އެވެ. އޭނަގެ ޝޯއެއް ގެނެސްދޭން ތައްޔާރުވަމުން އަންނަ އިރު، ކުނާލް ލިޔެ ޑައިރެކްޓްކޮށް އަދި ކުޅެފައިވާ ދެވަނަަ ފިލްމު 'ވައިބް' މި އަހަރުގެ ސެޕްޓެމްބަރު މަހު ސިނަމާތަކަށް އަންނާނެ އެވެ.
މިދިޔަ މަހުގެ ފަހުކޮޅު ރާއްޖޭގައި އާއިލާއާ އެކު ޗުއްޓީ ވެސް ހޭދަކުރި ކުނާލް އަކީ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާންގެ ޅިޔަނެވެ. އޭނަގެ އަންހެނުންނަކީ ސައިފްގެ ކޮއްކޮ، ބަތަލާ ސޯހާ އަލީ ޚާނެވެ.
މިހާރު އުމުރުން 43 އަހަރުގެ ކުނާލް އަކީ ވަރަށް ކުޑައިރުން ފެށިގެން ފިލްމީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ. މިހާތަނަށް ގިނަ ފިލްމުތަކެއް ކުޅެފައިވާ އެކްޓަރުގެ އަލަތު ޑައިރެކްޝަނަކީ 2024 ގެ ކޮމެޑީ ތުރިލާ 'މަދްގާއޯ އެކްސްޕްރެސް' އެވެ.
ކުނާލް އެންމެ ފަހުން ފެނުފައި ވަނީ ނެޓްފްލިކްސް އިން މިދިޔަ ޑިސެންބަރު ގެނެސްދިން ސީރީޒް 'ސިންގަލް ޕާޕާ' އިންނެވެ.