އައްޑޫ މަރަދޫފޭދޫ ގެއެއްގައި މަސްތުވާތަކެތި ބޭނުން ކުރުމުގެ ހިދުމަތް ދެމުންދާތީ އެ ގެ ބަންދު ކުރަން ކޯޓުން އަމުރުކޮށްފި އެވެ.
އެ އަވަށު އުއްމީދުގޭ ބަންދުކުރަން މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކުރީ އިއްޔެ އިން ފެށިގެން 9 ދުވަހުގެ މުއްދަތަށް ކަމަށް ފުލުހުން ބުންޏެވެ.
އެ އަމުރު ނެރުނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުންނެވެ. އަދި މިއީ މަރަދޫފޭދޫގައި މިގޮތަށް ބަންދުކުރި ފުރަތަމަ ތަނެވެ.
ކޯޓު އަމުރުގެ ދަށުން އެގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ގާނޫނީ ކުށެކެވެ. އަދުި މިފަދަ ތަންތަނަށް ހުއްދަނެތި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އެޅޭނެ ކަމަށް ފުލުހުން ބުންޏެވެ.
މަސްތުވާތަކެތި ބޭނުން ކުރުން ކުށްތަކަށް ހިތަދޫ ލާމިޔާގެ ބޭނުން ކުރަމުންދާތީ އެ ގެ ވެސް 9 ދުވަހަށް ބަންދު ކުރަން މި މަހުގެ 8 ގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައިވެ އެވެ. އަދި އަމުރާ ހިލާފުވި މީހަކު މިދިޔަ އާދީއްތަ ދުވަހު ހިތަދޫން ހައްޔަރުކޮށްފައިވެ އެވެ.