މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ހުރި ގްރެފިޓީތައް ނައްތާލުމުގެ މަސައްކަތް ފުލުހުން ކުރިއަށް ގެންގޮސްފި އެވެ.
މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ގޭންގު ކުރައިމް ސަޕްރެޝަނާއި، މާލެ ސިޓީ ކައުންސިލް ގުޅިގެންނެވެ.
ފުލުހުން ބުނީ އިއްޔެ ކުރިއަށްގެންދިޔަ މި މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި ކުރެހުންތަކާއި ލިޔުންތައް ފޮހެ ނައްތާލާފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި، ސިލްސިލާކޮށް ކުރިއަށް ގެންދާ މި މަސައްކަތުގެ ދަށުން، މާލެ ސިޓީގެ އިތުރު ސަހަރައްދުތަކުގައި ހުރި ކުރެހުންތަކާއި ލިޔުންތައް ނައްތައިލުމުގެ މަސައްކަތް ވެސް މާލެ ސިޓީ ކައުންސިލާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާނެ އެވެ.
މާލެ ސިޓީއަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.